ދުނިޔޭގެ ވިޔަފާރި

ގައުމުތަކުގެ ދަރަނީގެ މައްސަލައިގައި ވާހަކަ ދައްކަން ތައްޔާރު ކަމަށް ޗައިނާއިން ބުނެފި


ގިނަ ގައުމުތަކެއް ބައިވެރިވެގެން ހަދާ އޮނިގަނޑެއްގެ ދަށުން ގައުމުތަކުގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމުގައި "ބިނާކުރަނިވި ގޮތެއްގައި" ބައިވެރިވާން ތައްޔާރަށް އޮތް ކަމަށް ޗައިނާގެ ޕްރިމިއާ ލީ ކެކިއަންގް ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާއާއި ފޯނުން ގުޅުއްވައި ލީ ވިދާޅުވީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ކްރެޑިޓަރުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.

ޖޯޖީވާ އާއި ލީ ފޯނުން ގުޅުއްވައި ދެއްކެވީ ކަމާއި ގުޅޭ ވަރަށް ހަރުދަނާ ވާހަކަތަކެއް ކަމަށާއި ދަރަނީގެ ދަތިކަމުގައި ތިބި ގައުމުތަކުގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމުގައި ބިނާކުރަނިވި ދައުރެއް އަދާކުރަން ޗައިނާއިން ބޭނުންވާކަން އަލުން ކަށަވަރުކޮށްދީފައިވާ ކަމަށް އައިއެމްއެފްގެ ތަރުޖަމާނަކުވަނީ ވިދާޅުވެފައެވެ.

ގައުމުތަކުން ދަރަނި ދެއްކުމުގައި ދިމާވާ މައްސަލަތައް ތަފްސީލީ ގޮތެއްގައި ދިރާސާކޮށްދިނުމަށް ޗައިނާއިން ވަނީ ޖީ20ގެ ގައުމުތަކުގައި އެދިފައެވެ. ޖީ20 ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 23 ން 25 ށް އިންޑިއާގެ ބެންގަލޫރުގައެވެ.

ޗައިނާއަކީ ގާނާ އާއި ޒެމްބިއާ ފަދަ ދަރަނި ބޮޑު ގައުމުތަކަށް އެންމެ ގިނައިން ލޯނު ދޫކުރާ ގައުމެވެ.

ޒެމްބިއާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ނިމުނުއިރު އެޤަައުމުން ދައްކަންޖެހޭ 17 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ ތެރެއިން ޗައިނާއަށް ގާތްގަނޑަކަށް 6 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. މާލީ ޚިދުމަތް ދޭ ވިޔަފާރި ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ފައިނޭންސް އިން ބުނާ ގޮތުގައި ގާނާ އިން ޗައިނާ އަށް ދަރަނީގެ ގޮތުގައި 1.7 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.

ޖީ20 ބައްދަލުވުމުގެ ތެރެއިން ގައުމުތަކުގެ ދަރަންޏާއި ގުޅިގެން އެމެރިކާއާއި ޗައިނާ ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ސްރީލަންކާ ހިމެނޭ ގޮތަށް މެދުފަންތީގެ އާމްދަނީ ލިބޭ ދިހަވަރަކަށް ގައުމުގެ ދަރަންޏަށް ލުއި ދިނުމުގައި ޗައިނާއިން "ދިގު ދަންމާ" ކަމަށްބުނެ އެމެރިކާއިން ވަނީ ތަކުރާރުކޮށް ޗައިނާއަށް ފާޑުކިޔާފައެވެ.

އަނެއްކޮޅުން މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަނި ލުއިކޮށްނުދޭ ކަމަށް ބުނެ ޗައިނާ އިން ވެސް އަންނަނީ ލޯނު ދޫކުރާ ކްރެޑިޓަރުންނަށް ފާޑުކިޔަމުންނެވެ.