މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކަށްފަހު ހދ. ނައިވާދޫ، ށ. ކަނޑިތީމު، ގދ. ވާދޫ، މާފަންނު އަދި ވިލިމާލެ ޒޯން ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ޒޯން އެކެއްގެ ސެމީ ފައިނަލުގައި ނައިވާދޫން ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ށ. އަތޮޅު ޗެމްޕިއަން ފޯކައިދޫ ބަލިކޮށްފައެވެ. އެ ޒޯނުގެ އަނެއް ސެމީ ފައިނަލުގައި ވާދަވެރި މެޗަކަށްފަހު ށ. އަތޮޅު ރަނަރަޕް ކަނޑިތީމުން ވަނީ ހދ. އަތޮޅުގެ ރަނަރަޕް ނޭކުރެންދޫ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
ޒޯން ހައެއްގައި ރޭ ކުޅުނު މެޗުތަކަށް ނުކުތްއިރުވެސް ލ. ގަމުން ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. ޒޯންގެ ފަހު މެޗުގައި ގަމުން ވަނީ 3-0 ގެ ނަތީޖާއަކުން ގއ. ނިލަންދޫ ބަލިކޮށްފައެވެ. އެ ޒޯން ފައިނަލުގެ ދެވަނަ ޖާގަ ހޯދީ 1-0 ގެ ނަތީޖާއަކުން މާމެންދޫ ބަލިކުރި ވާދޫންނެވެ.
މާލޭ ޒޯންގައި ރޭ މައްޗަންގޯޅިން ވަނީ 7-0 ގެ ނަތީޖާއަކުން ހުޅުމާލެ ބަލިކޮށްފައެވެ. ވިލިމާލެ އާއި މާފަންނުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ޒޯންގެ އެއްވަނަ އަދި ދެވަނައަށް ދިޔަ މާފަންނާއި، ވިލިމާލެއަށް ފަސް ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައަށްދިޔަ މައްޗަންގޯޅިއަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ވާދަކުރެއެވެ. މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.