ޚަބަރު

400 ބައިވެރިންނާއެކު 3 ވަނަ އެޗްއާރް ކޮންވެންޝަން ފަށައިފި


ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ނެޝަނަލް އެޗްއާރް ކޮންވެންޝަން ފަށައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ނެޝަނަލް އެޗްއާރް ކޮންވެންޝަންގެ 3 ވަނަ ކޮންވެންޝަން ފަށްޓަވައިދެއްވީ ރައީސުލުޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. މިއަހަރުގެ މި ކޮންވެންޝަންގައި 400 މީހުން ބައިވެރިވެއެވެ.

މި އަހަރުގެ ނެޝަނަލް އެޗްއާރް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް އިންތިޒާމްކޮށްގެން ބާއްވާ މި ކޮންވެންޝަނަކީ އެޗްއާރް ޕްރޮފެޝަންލުންނާއި ގުޅުންހުރި ފަރާތްތަކުން ހިމެނިގެން މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު އިވެންޓެވެ. އެގޮތުން މި އަހަރުގެ ކޮންވެންޝަންގެ މައިގަނޑު ޝިޢާރަކީ "ކްރިއޭޓިން ވެލިއު އެންޑް ލީޑިންގ އޯގަނައިޒޭޝަން" އެވެ.

މިކޮންވެންޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، މި ކޮންވެންޝަންގެ ސަބަބުން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކޮށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި މި ކޮންވެންޝަންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މި އަހަރުގެ ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަރާތަކުން ދެއްވުމަށް ހަމަޖެހިފައިވާއިރު ސެޝަންތަކުގައި ލީޑަރޝިޕް ޑިވެލޮޕްމަންޓާއި ގުޅުންހުރި އެކި ސެޝަންތަކާއި އެޗްއާރް ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ވަޒީފާގެ މާހައުލަށް ގެނެވޭ ބަދަލުތަކުގައި އެޗްއާރް ލީޑަރުންގެ ދައުރާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ޑާޓާ އެނާލެޓިކްސް އަދި ފަހުގެ އެޗްއާރް ޓްރެންޑްސްތަކާއި ގުޅޭގޮތުން މި ކޮންވެންޝަނުގައި ސެޝަންތައް ހުށަހަޅާނެއެވެ.

މިއަހަރުގެ ކޮންވެންޝަންގައި ޓެޑެކްސް ސްޕީކާސް ގެ އިތުރުން ފޯބް ރިކޮކްނައިޒްޑް އޮންޓޮޕްރިނުއާސް، ފީފަލް ޕްރޮފެޝަނަލް އެކްސްޕާޓްސް، އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސް ލީޑާސް އަދި އެކްސްޕާޓްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤްޞަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.