3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭއަކީ އިންޑިއަން ނޭވީއާއި އެމް.އެން.ޑީ.އެފް ގުޅިގެން ކުރިއަށް ގެންދިޔަ ސާރވޭއެކެވެ. މި ސާރވޭ ކުރިއަށް ގެންގޮސްފައިވަނީ މިިދިޔަ ޖެނުއަރީ މަހުގެ 19 އިން ފެބްރުއަރީ މަހުގެ 26 ގެ ނިޔަލަށެވެ. މިގޮތުން ހއ. އާއި ހދ. އަތޮޅާއި، ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދު ވަނީ ސާރވޭކޮށްފައެވެ.
މި ސާރވޭ ނިންމާ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައި އެ ޤައުމުގެ ސަރުކާރުން ވަނީ ސާރވޭ ކުރި ސަރަޙައްދުތަކުގެ 4 ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފައެވެ.
އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ މި ސާރވޭގައި އަތޮޅުތަކުގެ 6،308 ކިލޯމީޓަރުގެ ސައުންޑިން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އެ ސައުންޑިން ލައިންތަކުން 2،630 އަކަ ކިލޯމީޓަރުގެ ސާރވޭއެއް ކޮށްފައިވާ ކަމަށްވެސް އިންޑިއަން ހައި ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓް ހަދާފައި ވަނީ 1934 ވަނަ އަހަރު ކުރި ސާރވޭތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އެހެންވެ އެ ސަރަހައްދުގެ ސާރވޭ ހެދިއިރު އެތަން ސާރވޭ ކުރީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަމަށެވެ.
"ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައި މަގުގައި ސާވޭކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައިވޭ. މި ސާވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވޭ" އިންޑިއަން ހައިކޮމިޝަންގެ ނޫސްބަޔާނުގައި ވިދާޅުވިއެވެ.
ހައިކޮމިޝަނުން ވިދާޅުވީ، ސާރވޭގެ ސަބަބުން އުޅަނދުފަހަރުގެ ނޭވިގޭޝަން ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ. އޭގެ ތެރޭގައި އަޕްޑޭޓް ނޭވިގޭޝަން ޗާޓާއި، އިލެކްޓްރޯނިކް ޗާޓުތައް އުފެދޭނެކަމަށެވެ. މީގެ އިތުރަށް ކުޅުދުފުއްޓާއި، މާރަންދޫ އަދި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތަކެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެ ސަރަޙައްދުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެކަމަށް އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެއެވެ.
މި ސާރވޭގެ ސަބަބުން، އިހަވަންދިއްޕޮޅާއި ތިލަދުންމަތި ހިމެނޭ ގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ޗާޓް ޗާޕުކުރުމަށް މަގުފަހިވާނެ ކަމަށެވެ.