ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އާއި ދަނޑިމަގަށް ޒޯން ޗެމްޕިއަންކަން


މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކަށްފަހު ރ. އިނގުރައިދޫން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދިއިރު، ފުވައްމުލަކު ދަނޑިމަގުން ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫން ހޯދީ ފައިނަލުގެ ދެވަނަ ލެގުގައި ބ. އޭދަފުށި 2-0 އިން ބަލިކޮށް އެގުރިގޭޓް ނަތީޖާ 5-1 އިން ކުރިހޯދައިގެންނެވެ.

ޒޯން ހަތެއްގެ ޗެމްޕިއަންކަން ދަނޑިމަގުން ހޯދީ ރޭ ކުޅުނު މެޗު 3-4 އިން ކާމިޔާބުކޮށް އެގުރިގޭޓް 7-4 އިން ކުރިހޯދައިގެންނެވެ.

އެހެންކަމުން ގަދަ 16 ބުރުގައި އިނގުރައިދޫ ބައްދަލުކުރަން ޖެހޭނީ ޒޯން ހަތެއްގެ ރަނަރަޕް ފޭދޫއާއެވެ. އަދި ޒޯން ހަތެއްގެ ޗެމްޕިއަން ދަނޑިމަގުން ބައްދަލުކުރަން ޖެހޭނީ ޒޯން ދޭއްގެ ރަނރަޕް އޭދަފުއްޓާއެވެ.

މީގެ އިތުރުން ރޭ ކުޅުނު މެޗުތަކަށްފަހު ބޮޑުފޮޅުދޫ ވަނީ ޒޯން ތިނެއްގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ޒޯން ތިނެއްގެ ފައިނަލަށް ބޮޑުފޮޅުދޫ ދަތުރުކުރީ ދިއްފުށި 6-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ބޮޑުފޮޅުދޫ ފައިނަލުގައި ކުޅޭނީ ގާފަރާއެވެ. ގާފަރު ވަނީ އެއް މެޗު ބާކީ އޮއްވައި ފައިނަލަށް ގޮސްފައެވެ. ރޭ ކުޅުނު މެޗުގައި ކުރެންދޫގެ މައްޗަށް ގާފަރުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ރޭ ކުޅުނު މެޗުތަކަށްފަހު ދިއްގަރުން ވަނީ ޒޯން ހަތަރެއްގެ ފައިނަލުން ޖާގަ ހޯދައިފައެވެ. މި ޒޯންގެ ފައިނަލުން މާމިގިލި މީގެ ކުރިން ޖާގަ ހޯދާފައިވާއިރު، ދިއްގަރުން ފައިނަލުގެ ޖާގަ ޔަގީން ކުރީ 3-2 ގެ ނަތީޖާއަކުން މަހިބަދޫ ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ޒޯން ފައިނަލްތައް ކުޅޭނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ވާދަކުރެއެވެ. މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.