ކުޅިވަރު

އެމްއޯސީން މި އަހަރަށް 72 މިލިޔަން ރުފިޔާގެ ބަޖެޓެއް


މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން މި އަހަރަށް 72 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ފާސްކޮށްފިއެވެ.

ހެންވޭރު މީރުމާގޭގައި ހޮނިހިރު ދުވަހު ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް އެމްއޯސީން ފާސްކުރި ބަޖެޓުގެ ބޮޑުބައި ހިއްސާކުރަނީ ސަރުކާރުން ލިބޭ ފަންޑަށެވެ.

އެމްއޯސީން ފާސްކުރި 72 މިލިއަން ރުފިޔާގެ ބަޖެޓްގެ 80 އިންސައްތައަކީ މި ފަހަރު ސަރުކާރުން ލިބޭ ބަޔެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ސަރުކާރުން ހިއްސާ ކުރަނީ މިއަހަރަކީ ރާއްޖޭން ފަސް ގޭމްސްއެއްގައި ވާދަކުރާ އަހަރެއް ކަމުގައިވާތީއެވެ.

ރާއްޖެއިން މިއަހަރު ވާދަކުރާނެ ފަސް ގޭމްސްއަކީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތް ގޭމްސް، އިންޑޮނޭޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސް، މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޗައިނާގެ ބާއްވާ އޭޝިއަން ގޭމްސް އަދި ތައިލެންޑްގައި ކުރިއަށްދާ އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްއެވެ.

މީގެ ތެރެއިން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސްގައި ރާއްޖޭގެ ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާނެއެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ، އައިއޯއައިޖީ އަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ގޭމްސްއެއް ކަމަށް ވިދާޅުވެފައެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ، މިއަހަރުގެ ބަޖެޓް އެމްއޯސީން ވާނީ ކުޅިވަރާ ބެހޭ ވުޒާރާއަށް ހުށަހަޅުއްވާފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުޅިވަރާ ބެހޭ ވުޒާރާއާއެކު ބާއްވަން ޖެހޭ މަޝްވަރާތައް ކަމަށާއި. މި މަޝްވަރާތަކަށްފަހު މިއަހަރުގެ ފުލް ބަޖެޓް އެނގިގެންދާނެކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ މާލީ މުއާމަލާތްތައް ގަވާއިދުން އޮޑިޓް ކުރުން ކުރިއަށްދެ އެވެ. އެ ގޮތުން، މަހަކު އެއް ފަހަރު އިންޓާނަލް އޮޑިޓެއް ކުރެވިގެންދާއިރު، ކޮންމެ ކުއާޓާއެއްގައި އެކްސްޓާނަލް އޮޑިޓެއް ކުރެވިގެންދެއެވެ.