ސްރީ ލަންކާއިން އިންޓަރެސްޓް ރޭޓް މަތިކުރަން ނިންމި ނިންމުމަކީ މާލީ ކާރިސާއެއް ކުރިމަތިވެފައިވާ އެ ޤައުމުގެ އިންފްލޭޝަން އަވަހަށް ދަށްކުރުމަށް މަސައްކަތްކުރާކަން ހާމަވާކަން ކަމެއްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ބުނެފިއެވެ.
ލަންކާގެ %50.6 ގައި އޮތް އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް އެޤައުމުގެ މަރުކަޒީ ބޭންކުން ވަނީ އިންޓަރެސްޓު ރޭޓް 100 ބެސިސް ޕޮއިންޓަށް މަތިކޮށްފައެވެ. ލަންކާގެ އިންފްލޭޝަން ދަށްވަމުން ދިޔަ ނަމަވެސް އަދިވެސް މާބޮޑަށް ދަށްވެފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ފަގީރުންނަށް ނިސްބަތުން ބޮޑު ގެއްލުމެއް ލިބެމުން އަންނަ ކަމަށް އައިއެމްއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީ ރޭޓް %15.50 އަށް އަދި ސްޓޭންޑިން ލޭންޑިން ފެސިލިޓީ ރޭޓް %16.50 އަށް މަތިކޮށް، ބެއިލްއައުޓް ހޯދުމަށް މަރުކަޒީ ބޭންކުން މަސައްކަތް ކުރާއިރު، މާކެޓުން ކަނޑައަޅާ އެކްސްޗޭންޖް ރޭޓަކަށް ދިއުމަށް ކަރަންސީ ބޭންޑަށް ލުއި ދޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުން ވަނީ އިންޓަރެސްޓު ރޭޓް 950 ބީޕީއެސް އިތުރުކޮށްފައެވެ. ނަމަވެސް ޖުލައި މަހުގެ ފަހުން ފުރަތަމަ ފަހަރަށް އިންޓަރެސްޓު ރޭޓު މިދިޔަ ހަފްތާ ބޮޑުކުރުމަކީ ދިރާސާ ކުރާ ފަރާތްތަކާއި އިޤްތިޞާދީ މާހިރުން އެއްގޮތަކަށްވެސް އުންމީދުކޮށްފައިވާ ކަމެއް ނޫނެވެ.
އަދި މިއަހަރު ލަންކާއިން ތަންފީޒުކުރި ޓެކްސް ބޮޑުކުރުމާއި ކަރަންޓް ޓެރިފް ބޮޑުކުރުމަށް ވެސް އައިއެމްއެފުން ތާއީދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ސަރުކާރުން އިންސާފުވެރި ޓެކްސް ސިޔާސަތެއް އެކުލަވާލުމަށް ގޮވާލައި އާންމު މަސައްކަތްތެރިންގެ މުޒާހަރާތައް ވެސް ވަނީ ފަށާފައެވެ.
ދިގުދެމިގެންދާ ގޮތެއްގައި އިންފްލޭޝަން ދަށްވެފައި އޮންނަނަމަ ލަންކާގެ މާކެޓްގެ އިތުބާރު ބޮޑުވެ، ސަރުކާރުގެ ސެކިއުރިޓީޒްގެ ރިސްކް ޕްރިމިއާ މަދުވެ، ކުންފުނިތަކަށް މާލީ ޝަރުތުތައް ފަސޭހަވެ، އެ ގައުމުގެ އިޤްތިޞާދީ ދުވެލި ހަލުއިވުމަށް އެހީތެރިވެދޭނެ ކަމަށް އައިއެމްއެފުން ބުނެއެވެ.
ހަތަރު އަހަރުގެ އެކްސްޓެންޑް ފަންޑް ފެސިލިޓީއެއް ފައިނަލް ކުރުމަށް ލަންކާއިން ބާރުއަޅަމުންދާއިރު، އެ ކަމަށް އައިއެމްއެފްގެ ރުހުން މި މަހު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުގެ ވެރިޔާ ހުކުރު ދުވަހު ވަނީ ވިދާޅުވެފައެވެ.
1948 ވަނަ އަހަރު އިނގިރޭސިވިލާތުން މިނިވަންވި ފަހުން ލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ދަތިކަން ކުރިމަތިވަމުންދާއިރު، އައިއެމްއެފްގެ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ފާސްކުރާނެ ވަގުތަކަށް ސަރުކާރުން އޮތީ މަޑުކޮށްގެންނެވެ.