ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އެދެނީ ރެކޯޑް ޢަދަދެއްގެ މުސާރައަކަށް: ދިރާސާ


އިޤްތިޞާދު ވަރުގަދަކުރުމަށް މަސައްކަތްތެރިންގެ އުޖޫރަ ބޮޑު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ވިޔަފާރިތަކަށް ޕްރެޝަރު ކުރަމުންދާއިރު، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައިވެސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާ މިންވަރަކަށް މުސާރަ ބޮޑު ކުރުމަށް ޖަޕާނުގެ ޓްރޭޑް ޔޫނިއަންތަކުން އެދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މުޅި ޖަޕާނުގެ 2،000 އަށް ވުރެ ގިނަ ޔޫނިއަން ބައިވެރިވި މި ދިރާސާއިން ދައްކާ ގޮތުގައި މި އަހަރަށް އެވްރެޖްކޮށް %4.49ގެ މުސާރައިގެ ކުރިއެރުމަށް ޔޫނިއަންތަކުން ވަނީ އެދިފައެވެ. މިއީ 1998 ވަނަ އަހަރު %4.36ގެ މުސާރައިގެ ކުރިއެރުމަށް އެދުނު ފަހުން މިހާ ބޮޑު މިންވަރެއް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް ޔޫނިއަންތަކުން އެދުނު ފުރަތަމަ ފަހަރެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހީނާރުވެފައިވާ ޖަޕާނުގެ އިޤްތިޞާދަށް ނުރައްކާ ބޮޑު ވެފައި ވަނީ ވޭތުވެދިޔަ 40 އަހަރު ދުވަހުވެސް މައްޗަށް ނުދާ މިންވަރަށް އެ ގައުމުގެ އިންފްލޭޝަން ގޮސްފައިވުމުންނެވެ. މިއާއިއެކު ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ކުރާ އިލްތިމާސްތަކުން ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޖަޕާނުގެ މަސައްކަތްތެރިންނަށް އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ.

ޚަރަދުގެ ބުރަ ބޮޑުވި ނަމަވެސް، ޖަޕާނުގެ ބޮޑެތި ކުންފުނިތަކުން ވަނީ ހުނަރުވެރި މަސައްކަތްތެރިން ހިފެހެއްޓުމަށް ބޮޑު މުސާރައިގެ ކުރިއެރުންތަކެއް ދޭނެ ކަމަށް ވައުދުވެފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި ޓޮޔޯޓާއިން މިދިޔަ ހަފްތާގައި ވަނީ ޔޫނިއަނުން ޑިމާންޑު ކޮށްފައިވާ ގޮތަށް ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ދޭ މުސާރައިގެ އެންމެ ބޮޑު ކުރިއެރުން ދޭން އެއްބަސްވެފައެވެ. އަދި ފެޝަން ބްރޭންޑް ޔުނިކްލޯގެ ބެލެނިވެރި ކުންފުނި ފާސްޓް ރީޓެއިލިން އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ %40 އާއި ހަމައަށް ބޮޑުކުރާނެ ކަމަށް މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ.

ޖޭޓީޔޫސީގެ ޕްރިލިމިނަރީ ދިރާސާއިން ދައްކާ ގޮތުގައި ޖަޕާނު ބަހުން "ޝުންޓޯ" ގެ ނަމުގައި މިއަހަރު ކުރިއަށް ގެންދިޔަ އަހަރީ މަސައްކަތްތެރިންގެ މަޝްވަރާތަކުގައި ޔޫނިއަންތަކުގެ އެވްރެޖް ޑިމާންޑް މިދިޔަ އަހަރުގެ %2.97އަށް ވުރެ ވުރެ މާ ބޮޑެވެ.

އާންމުކޮށް "ރެންގޯ" ގެ ނަމުން މަޝްހޫރު ޖޭޓީޔޫސީ އަކީ ގާތްގަނޑަކަށް ހަތް މިލިއަން މަސައްކަތްތެރިން ތަމްސީލުކުރާ ޖަޕާނުގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޖަމްޢިއްޔާއެވެ. ކުދި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޔޫނިއަން މެމްބަރުކަން ނެތި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ކުޑަ ނަމަވެސް ޝުންޓޯގެ ސަބަބުން މުސާރައިގެ ކުރިއެރުންތައް ރަނގަޅުވެގެންދާނެއެވެ.

ބޭންކް އޮފް ޖަޕާނުގެ އޮފިޝަލުން ވަނީ މުސާރަ ބޮޑުކުރުމަކީ ޖަޕާނުގެ މާލީ އުސޫލުތައް ރަނގަޅު މިސްރާބަކަށް ދާނެ ކަމެއް ކަމުގައި ބުނެފައެވެ.