ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ތިލަދުންމަތީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޖުމްލަ 432 ދަރިވަރުންނާއެކު ކުޅުދުއްފުށީގައި މި މުބާރާތް ކުރިޔަށްދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށެވެ. މިމިމުބާރާތުގައި އުތުރުގެ ތިން އަތޮޅުގެ އިތުރުން ގދ އަތޮޅުން އަދި މާލޭގެ ސްކޫލުތަކުންވެސް ބައިވެރިވި އެވެ.
އެގޮތުން ޖުމްލަ 22 ސްކޫލަކުން 432 ދަރިވަރުން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ.
މުބާރާތުގައި ހއ. އަތޮޅުން ފަސް ސްކޫލެއް ވާދަކުރިއެވެ. އެއީ ހއ އަތޮޅު މަދަރުސާ، ވަށަފަރު ސްކޫލް، ޝެއިހް އިބުރާހިމް ސްކޫލް، އިހަވަންދޫ ސްކޫލް، ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. ހދ. އަތޮޅުން ވާދަކުރި ސްކޫލުތަކަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، ނާވައިދޫ ސްކޫލް، ހދ އަތޮޅު ސްކޫލް، އަދި މަކުނުދޫ ސްކޫލެވެ.
ށ. އަތޮޅުން ވާދަކުރި ސްކޫލުތަކަކީ މިލަންދޫ ސްކޫލް، ފުނަދޫ ސްކޫލު، ޅައިމަގު ސްކޫލު، ށ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި މާލެއިން ވާދަކުރީ ސީއެޗްއެސްސީ، އަހުމަދިއްޔާ އިންޓަނޭޝަނަލް، ގިޔާސުއްދީން އިންޓަނޭޝަނަލް، އަދި ހުރަވީ ސްކޫލެވެ. މީގެއިތުރުން ގދ. އަތޮޅުން ވާދަކުރި ތިން ސްކޫލަކީ އަބޫބަކުރު ސްކޫލު، ގދ އަތޮޅު ތައުލީމީ މަރުކަޒު އަދި ތިނަދޫ ސްކޫލެވެ.
މުބާރާތް ކުރިޔަށްދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުންދަށާއި 14 އަހަރުންދަށުގެ އިތުރުން 16 އަހަރުންދަށާއި 18 އަހަރުންދަށް އަދި 20 އަހަރުންދަށެވެ.