ކުޅިވަރު

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ތިން އެތުލީޓުންނާއި ކޯޗު ފުރައިފި


ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ އެތުލެޓިކްސް ޓީމު ފުރައިފިއެވެ.

މިމަހު ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށްދު ފުރި އެތްލީޓުންނަކީ މުހައްމަދު ފަވާޒު, ޔޫސުފް އިބްރާހިމް އަދި މުހައްމަދު އިރުފާން އެވެ. އަދި މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަބްދުﷲ އިބްރާހިމް އެވެ.

މިއީ މި މުބާރާތް ނޭޕާލުގައި ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން އެޤައުމުގައި މި މުބާރާތް ބާއްވާފައިވަނީ 1999 ވަނަ އަހަރުގައެވެ. އަދި ނޭޕާލުގެ އެތްލެޓިކްސް ފެޑަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ މުބާރާތުގައި އޭޝިއާގެ 45 ގައުމަކުން 450 އެތްލީޓުން ބައިވެރިވާނެ އެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހު ހަތެއްގައި ފަށާ މި މުބާރާތުގައި ހަތަރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ އޯޕަން ކެޓަގެރީގައި އަންހެން އަދި ފިރިހެން 10 ކިލޯމީޓަރ 20 އަހަރުން ދަށުގެ ފިރިހެން 8 ކިލޯމީޓަރ އަދި އަންހެން 6 ކިލޯމީޓަރ ދުވުމެވެ.

ރާއްޖެއިން މިފަހަރު ބައިވެރިވި ތިން އެތްލީޓުން ވެސް ވާދަކުރާނީ 10 ކިލޯމީޓަރުގެ ދުވުމުގައެވެ.