ޖަރުމަން ލީގުގައި ސްޓުޓްގާޓާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.
ސްޓުޓްގާޓްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔޭން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާ މެޗްގެ ލީޑު ނަގާފައިވަނީ ބަޔޭންއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މަތިޔިސް ޑި ލިޓްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ. މޯޓިންގގެ މިލަނޑު އައިސްފައިމިވަނީ އޭނާ ބަޔޭން އާއެކު ހަސާދައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކުރިތާ އެއްދުވަސް ފަހުންނެވެ. މިމެޗްގައި ސްޓުޓްގާޓުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ހުއާން ހޯސޭ ޕެރެއާއެވެ.
މިކާމިޔާބީއާއެކު ބަޔޭން އަނެއްކާވެސް ވަނީ ތާވަލްގެ އެއްވަނައަށް އަރާފައެވެ. މިގޮތުން އެޓީމަށް ވަނީ 23 މެޗުން 49 ޕޮއިންޓް ލިބިގެން ގޮސްފައެވެ. ދެވަނައިގާ އުޅޭ ބޮރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް ބަޔޭންއަށް ކުރި ލިބިފައިވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެ ޖަހާފައިވާ ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ. މިމެޗުން ބަލިވި ސްޓުޓްގާޓް އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.