ފްރެންޗް ލީގުގައި ނޯންޓްސްއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޕީއެސްޖީއިންނެވެ. މިލަނޑު މެޗްގ 12 ވަނަ މިނެޓްގައި އެޓީމަށް ޖަހާދިނީ އާޖެންޓީނާގެ ތަޖްރިބާކާރު ކުޅުންތެރިޔާ ލިއޮނެލް މެސީއެވެ. އަދި މެޗްގެ 17 ވަނަ މިނެޓްގައި ނޯންޓްސްގެ ޔައޮއެން ހަދްޔާމް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޕީއެސްޖީގެ ލީޑު ފުޅާވެގެންދިޔައެވެ.
މިމެޗްގައި ނޯންޓްސްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީ ލުޑޮވިޗް ބްލާސްއެވެ. އަދި މެޗްގެ 38 ވަނަ މިނެޓްގައި ނޯންޓްސްއިން ވަނީ އެޓީމްގެ ދެވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އިގްނާޝިއަސް ގަނާގޯއެވެ. މިމެޗްގައި ޕީއެސްޖީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 60 ވަނަ މިނެޓްގައި ޑެނީލޯ ޖަހާދިން ލަނޑުންނެވެ. އަދި ޕީއެސްޖީގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ކިލިއަން އެމްބާޕޭއެވެ. މިލަނޑާއެކު އެމްބާޕޭ ވަނީ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މިއީ އޭނާ ޕީއެސްޖީއަށް ޖަހާދިން 201 ވަނަ ލަނޑެވެ. މިރިކޯޑް މިހާތަނަށް އޮތީ އެޑިންސަން ކަވާނީ އަތުގައެވެ.
މިކާމިޔާބީއާއެކު ޕީއެސްޖީ މިހާރު އުޅެނީ 26 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.އަދި ނޯންޓްސް އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.