ކުޅިވަރު

ދުބާއީ ޓެނިސް ޗެމްޕިއަންޝިޕް މެޑްވެޑޭވް ކާމިޔާބުކޮށްފި


ދުބާއީ ޓެނިސް ޗެމްޕިއަންޝިޕް ރަޝިއާގެ ޑަނީލް މެޑްވެޑޭވް ކާމިޔާބުކޮށްފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދީ އެންމެފަހުގެ ޗެމްޕިއަން އަދި އަމިއްލަ ޤައުމަށް ނިސްބަތްވާ އަންޑްރޭ ރުބްލޭވް އާއި ފައިނަލްގައި ވަދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.

މެޑްވެޑޭވްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް އޭނާ ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ދެސެޓުންނެވެ. މިގޮތުން ދެސެތްވެސް މެޑްވެޑޭވް ގެންގޮސްފައިވަނީ ހައެއް ދެއެއް އަދި ހައެއް ދެއަކުންނެވެ. މިއީ މެޑްވެޑޭވް މިއަހަރު ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ތައްޓެވެ. މީގެކުރިން ދޯހާ އާއި ރޮޓަރޑަމްގައި ބޭއްވި ދެ މުބާރާތްވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިއާއެކު އޭނާ މިވަނީ މިސީޒަންގައި ބަލިނުވެ 14 މެޗް ހަމަކޮށް އޭނާގެ ކެރިއަރުގެ 18 ވަނަ ތަށި ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ސީޒަން މާރަނގަޅަށް ނުފެށުނު މެޑްވެޑޭވް އަންނަނީ އޮސްޓްރޭލިއަން އޯޕަންގައި ދިމާވި ނާކާމިޔާބީއަށްފަހު މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.