ކުޅިވަރު

"ރެޑްބުލް ސްޕައިކް" ގެ ޗެމްޕިއަނުންނަށް ސަނީ ސުއިޓްސް އާއި ލޭޑީޒް އިން ބްލޫ


ހުޅުމާލޭގެ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ "ރެޑްބުލް ސްޕައިކް" ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސަނީ ސުއިޓްސް އަދި އަންހެން ބައިގެ ޗެމްޕިއަންކަން ލޭޑީސް އިން ބްލޫ ހޯދައިފިއެވެ.

މި މުބާރާތުގައި ފިރިހެން 13 ޓީމް އަދި އަންހެން ހަ ޓީމް ވާދަކޮށްފައިވާއިރު ރާއްޖޭގެ ވޮލީގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ކުޅުންތެރިން މި މުބާރާތުގައި ވަނީ ވާދަކޮށްފައެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސަނީ ސުއިޓްސް ހޯދީ ފައިނަލުގައި ނިއޯން ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ އާމިރު، އަލީ ޝިމާލް، އިބްރާހިމް އާދިލް އަދި މުހައްމަދު ނިހާދެވެ. މުބާރާތުގެ ފިރިހެން ބައިގެ ތިންވަނަ ޓީމަކަށް ހޮވުނީ ޑީވީވީއޭ އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ލޭޑީޒް އިން ބްލޫ ހޯދީ ސަނީ ސުއިޓްސް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ޗެމްޕިއަންކަން ހޯދި އަންހެން ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ ހައްވާ ރާޝިދާ (ހައްވަ) އެވެ. މި ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ޝަހާ ޝާމިން، ފާތިމަތު ޝަމްހާ، ފާތިމަތު ޒީނިއާ އަދި މަރިޔަމް އަޒުމާ އެވެ.

މިއީ ރާއްޖޭގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ރެޑްބުލްގެ ފުރަތަމަ ސްޕައިކް މުބާރާތެވެ.