ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ، ވާދޫ އަދި މާފަންނަށް ޒޯން ޗެމްޕިއަންކަން


މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ހދ. ނައިވާދޫ އާއި ގދ. ވާދޫ އަދި މާފަންނުން ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ނައިވާދޫން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ށ. ކަނޑިތީމު އަތުން 6-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫގެ އަބްދުﷲ ވިސާމް ވަނީ ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ނައިވާދޫގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި ޒޯންގެ މޮޅު ކުޅުންތެރިއަކީވެސް ޝާއްޕެއެވެ. ދެން މި މެޗުގައި ނައިވާދޫގެ އަނެއް ލަނޑު ޖެހީ މުހައްމަދު އަސްލަމެވެ. ކަނޑިތީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަޙްމަދު ނިމާލް އާއި އާދަމް ތައުފީގެވެ.

މި މުބާރާތުގައި ގދ. ވާދޫން ޒޯން ހައެއްގެ ތަށި އުފުލާލީ ފައިނަލުގައި ލ. ގަން އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ގަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ހަލީމް (އައްމަޑޭ) އެވެ. އޭގެ ފަހުން މުޙައްމަދު ނާއިލް ވާދޫއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އެ ޓީމުގެ ލީޑު ނަގައިދިނީ މުސައްނިފު މުޙައްމަދެވެ. އަދި ފަހު ލަނޑު ޖަހައިދިނީ އިބްރާހީމް ޝައުފް މުޙައްމަދެވެ.

ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާދޫގެ އަޔާޒް އަޙްމަދު (އަޔާ) ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ އައްމަޑޭއަށެވެ.

މީގެ އިތުރުން މި މުބާރާތުގައި މާފަންނާއި ވިލިމާލެ ކުޅުނު ޒޯން އަށެއްގެ ފައިނަލް މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީގައި މާފަންނު މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާފަނުގެ ލަނޑުތައް ޖަހައިދިނީ ހުސެއިން އަފްސަލް އާއި ހަަސަން ސުހައިލެވެ. އަދި ވިލިމާލޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަޖީހު (ވައްޖެ) އާއި އިސްމާޢީލް ވިފާގު (އިއްސެ) އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވިލިމާލޭގެ ފުރަތަމަ ޕެނަލްޓީ އަބްދުﷲ ޝައްފާން (ޝާކާ) ފޮނުވާލިއިރު، މާފަންނުގެ ކީޕަރު އިބްރާހިމް ނާޖިހު ވަނީ މަތަކޮށްފަ އެވެ. މާފަންނުން މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. މާފަންނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަފްސަލް، މުހައްމަދު ޔަފާއު (ޔާ)، ސޮކޭ، ޔޫހު ނަސީރު އަދި ނާޖިހު އެވެ. ވިލިމާލޭގެ ވައްޖެ އާއި އަލީ ޝިޔާހު އަދި އިއްސެ ޕެނަލްޓީ ކާމިޔާބުކުރި އެވެ.

މި މުބާރާތުގެ ޒޯން ބުރުގެ ތިން ފައިނަލެއް ރޭ ކުޅުނުއިރު، ޒޯން ބުރުގެ ފަހު ތިން ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭއެވެ.