ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސޭޝެލްސްގެ ރައީސް. ވޭވަލް ރަމްކަލަވަންއާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ކުރިޔަށް ދީޔައީ، ޤަތަރުގެ ދޯހާގައި މިހާރު ކުރިޔަށްދާ، އދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިޢާދަކުރުމަަށް ދެޤައުމުން ކުރާ މަސައްކަތްތަކާއި، މޫސުމީ ބަދަލުތައް ފަދަ ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެމްބަރުންގެ ހައިސިއްޔަތުން، މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސޭޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.