ފަތުރުވެރި ކަމަށް 60000އަށްވުރެ ގިނަ އެނދު ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށްވަނީ 60138 އެނދު ނެރެފައެވެ. މިއީ 1220 ފަތުރުވެރިކަމުގެ ފެސިލިޓީއަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދެވެ.
* 168 ރިސޯޓަކުން 41049 އެނދު
* 13 ހޮޓަލަކުން 1640 އެނދު
* 886 ގެސްޓް ހައުސްއަކުން 14310 އެނދު
* 154 ސަފާރީއަކުން 3139 އެނދު
ޖުމްލަ – 60138 އެނދު
ފަތުރުވެރި ކަމަށް ނެރެފައިވާ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށް، އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ އެނދުގެ އަދަދުވަނީ 61034 އަށް އަރާފައެވެ.
ފަތުރުވެރިކަމުގެ އެނދުގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުންދަނީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގެ ހެޔޮ ނަތީޖާ އޮޕަރޭޝަނަށް ނެރޭ ފަތުރުވެރިކަމުގެ އެނދުގެ އަދަދުންވެސް ހާމަވެއެވެ.
ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް އަންނަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1،675،299 (އެއް މިލިއަން ހަލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑަށްފަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 375283 ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 25.3 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.