ކުޅިވަރު

ގައުމީ ޓީޓީ ކުޅުންތެރިން ތަމްރީނުކުރަން ޗައިނާގެ ތަޖުރިބާކާރު ކޯޗެއް


މި އަހަރު ކުރިއަށް އޮތް ބޮޑެތި ގޭމްސްތަކަށް ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިން ތައްޔާރުކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓީޓީގެ ވަރުގަދަ ގައުމެއް ކަމަށްވާ ޗައިނާގެ ޕްރޮވިންސެއްގެ ކޯޗެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް އައީ ޗައިނާގެ ހުނާން ޕްރޮވިންސްގެ ކޯޗެއް ކަމަށްވާ ހަންގު އަންގުއޯ އެވެ. އޭނާއާއެކު ދެ ކުޅުންތެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ. އެއީ ހީ ޒިއާންގް އާއި ޒިއާޝޫ ޗެން އެވެ. މި ކުޅުންތެރިންގެ އަމާޒަކަށް ވާނީ ދިވެހި ކުޅުންތެރިންނާއެކު ތަމްރީނު މެޗުތަކެއް ކުޅެ، ބައިނަލްއަޤްވާމީ މައިދާނަށް ދިވެހި ކުޅުންތެރިން ތައްޔާރުކުރުމެވެ.

ރާއްޖޭގެ ޓީޓީ ޓީމުން އެންމެ ބޮޑު ތައްޔާރެއް ވަނީ މިއަހަރުގެ އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. މީގެއިތުރުން އޭޝިއަން ގޭމްސްވެސް ހިމެނެއެވެ. މި ދެ ކުޅުންތެރިންނާއި ކޯޗު މި މަހުގެ 18 ގެ ނިޔަލަށް ޤައުމީ ޓީމާއެކު ހަރަކާތްތެރިވާނެއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ފަހިކޮށްދިން މި ފުރުސަތުގެ ދަށުން މާލޭގައި ކުރިޔަށްގެންދާ މި ޓްރެއިނިންތަކުގައި ޓީމު މިހާރު އޮތް ހާލަތާއި ޓީމަށް އިތުރަށް ބޭނުންވާ ކަންކަމާއި ގުޅޭ މަޝްވަރާކުރާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި މި ޓްރަޔަލް ކޭމްޕަށްފަހު އިތުރު ތަމްރީނުތަކަށް ފުރުސަތު ފަހިކޮށްދެވޭތޯ މަސައްކަތްކުރާނެ ކަމަށްވެސް އެސޯސިއޭޝަނުން މައުލޫތުދެއެވެ.

ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ތެރޭގައި މިހާރުވެސް ގިނަ ޓީޓީ ކުޅުންތެރިންތަކެއް ހިމެނޭއިރު ބީއެމްއެލްގެ ސްކޮލާޝިޕުގެ ދަށުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިވެހި ޓީޓީ ކުޅުންތެރިންނަށް ވަނީ ލިބިފައެވެ. އެހެންކަމުން ދިވެހި ޓީޓީ ކުޅުންތެރިންނަށް މި ވަނީ ގިނަ ފުރުސަތުތަކެއް ފަހިވެފައެވެ.

އެންމެފަހުން 2019 ގައި ބޭއްވި އައިއޯއައިޖީ ގައި ރާއްޖޭން ވަނީ ރަން މެޑެލް ހާސިލުކޮށްފައެވެ. ހަމަ އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވަނީ ލޯ މެޑަލް ހޯދާފައެވެ.