އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023 ގައި ވާދަކުރި ތިން އިވެންޓަކުން ރާއްޖޭގެ ޝޫޓަރުން ތިން ގައުމީ ރިކޯޑެއް އާކޮށްފިއެވެ.
އަންނަ ހުކުރުދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއާއެކު 12 ޤައުމެއް ވާދަކުރެއެވެ. މި މުބާރާތުގައި ޖުމްލަ 100 އެތްލީޓުން ވާދަކޮށްފައިވާއިރު، ދިވެހި އެތްލީޓުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައވެެ.
ތިން ޤައުމީ ރެކޯޑުގެ ތެރެއިން އިއްޔެ ކުރިއަށްދިޔަ 10 މީޓަރު ފިރިހެން އެއާ ރައިފަލްގެ ގައުމީ ރެކޯޑު މުގުރާލާފައިވަނީ ރާއްޖޭގެ ކޯޕްރަލް އިބްރާހިމް ޝިފާނެވެ. އޭނާ ވަނީ 604.9 ގެ ސްކޯއެއް ހޯދައިފަ އެވެ. މި ރެކޯޑު ކުރިން ހަދާފައިވަނީ އިންޑޮނޭޝިއާގެ ޕަލެމްބަންގްގައި އޮތް 2018 ވަނަ އޮތް އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ސްކޯ އަކީ 595.2 އެވެ.
އިންޑިވިޖުއަލް އިވެންޓްތަކާއި، މިކްސް އިވެންޓްތަކުގެ އިތުރުން ޖޫނިއާ އިވެންޓުތައް ވެސް މި މުބާރާތުގައި ކުރިއަށްދާއިރު ތިންވަނަ ގައުމީ ޓީމްގެ އަންހެން ޝޫޓަރު ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހުމާން ވަނީ އިއްޔެ 10 މީޓަރު އެއާ ރައިފަލްގެ އަންހެން އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. މި ރެކޯޑު ކުރިން އޮތީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އާސިފާ ޖައުފަރު 589.3 އަތުގައެވެ. ޝަރަފިއްޔާ މި ރެކޯޑު މުގުރާލީ 589.6 ގެ ސްކޯއެއް ހޯދައިގެންނެވެ.
މުބާރާތުގައި މިއަދު ޝަރަފިއްޔާ އާއި ޝިފާން ވަނީ 10 މީޓަރު އެއާ ރައިފަލްގެ މިކްސް ޓީމު އިވެންޓުގެ ގައުމީ ރެކޯޑުވެސް މުގުރާލައިފަ އެވެ.