ކުޅިވަރު

ލެސްޓާ ބަލިކޮށް ޔުނައިޓެޑުން ލީޑު ފުޅާކޮށްފި


އެފްއޭ ވިމެންސް ސުޕަ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގައި ލިބިފައިވާ ލީޑު މެންޗެސްޓާ ޔުނައިޓެޑުން ފުޅާކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހމަލާ އުފައްދާފައިވަނީވެސް ޔުނައިޓެޑުންނެވެ. މިމެޗްގައި ޔުނައިޓެޑްގެ ތަރިއަކަށް ވެގެންދިޔައީ ފޯވަޑް އެލޭސިއޯ ރޫސޯއެވެ. އޭނާވަނީ މިމެޗްގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ޔުނައިޓެޑަށް ލީޑު ނަގާދިނީ މެޗްގެ 15 ވަނަ މިނެޓްގައި ރޫސޯއެވެ. އަދި މެޗްގެ 3 ވަނަ މިނެޓްގައި ރޫސޯ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ޔުނައިޓެޑްގެ ލީޑުވެސް ފުޅާކޮށްދީފައެވެ. މިމެޗްގެ ދެވަނަ ހާފްގެ ފެށުން ރަނގަޅުވީ ލެސްޓަރގެއެވެ. މިގޮތުން މެޗްގެ 48 ވަނަ މިނެޓްގައި ލެސްޓަރގެ ރެމީ ސިއެމްސެންވަނީ އެޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެތްފަހުން ރޫސޯ ވަނި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް ޔުނައިޓެޑްގެ ލީޑު އަނެއްކާ ދެލަނޑަށް ބަދަލުކޮށްދީފައެވެ. މިމެޗްގައި ޔުނެިޓެޑްގެ ހަތަރު ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ލެއާ ގަލްޓަންއެވެ. އަދި ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ލޫސިއާ ގާސިއާއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް ޗެލްސީ އަދި ނުކުޅެ ދެމެޗް އެބައޮތެވެ. އަދި މިއަންނަ އާދީއްތަ ދުވަހު ލީގުގައި މިދެޓީމްގެ ކުރިމަތިލުން ފެނިގެންދާނެއެވެ. ޔުނައިޓެޑަށް މިވަގުތު ލިބިފައިވަނީ 14 މެޗުން 35 ޕޮއިންޓެވެ. އަދި ލެސްޓަރ ވިމެން އުޅެނީ 6 ޕޮއިންޓާއެކު 12 ޓީމް ހިމެނޭ މިލިގުގެ އެންމެ ފުލުގައެވެ.