ވިމެންސް ކޮންޓިނެންޓަލް ލީގު ކަޕުގެ ޗެމްޕިއަންކަން އާސެނަލުން ހޯދައިފިއެވެ.
މިމުބާރާތުގެ ތަށި އާސެނަލް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލްގައި ޗެލްސީ ވިމެން އާއ ބައްދަލުކުރި މެޗް ތިން ލަނޑު އެއްލަނޑުން ކާމިޔާބު ކޮށްގެންނެެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީވެސް ޗެލްސީގެއެެވެ. މިގޮތުން މެޗްގެ ދެވަނަ މިނެޓްގައި ޗެލްސީއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިމެޗްގައި އާސެނަލް އިން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 16 ވަނަ މިނެޓްގައި ސްޓައިނާ ބްލެކްސްޓެއިނިއަސް ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކާއެކު އާސެނަލްއިން ވަނީ މިމެޗްގެ ލީދު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކިމް ލިޓްލްއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އާސެނަލްއިން ވަނީ އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑަކީ ޗެލްސީގެ ނިއާމް ޗާލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ދެވަނަ ހާފްގައި ޗެލްސީއިން އެޓިމްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މިމެޗްގައި އިތުރު ލަނޑެއް ދެޓީމުން ކުރެ އެއްވެސް ޓީމެއްގެ ފަރާތުން ފެންނަ ގޮތެއް ނުވިއެވެ.
މިކާމިޔާބީާއެކު އާސެނަލް ވިމެން މިވަނީ ލީގް ކަޕްގެ ތަށި ހަވަނަ ފަހަރަށް އުފުލާލާފައެވެ. އަދި އެންމެ ވާދަވެރި ޗެލްސީ ވިމެން ބަލިކޮށް ތަށި އުފުލާލެވުމުން އެޓީމަށް ލިބިފައިވާ އުފާ ވަނީ ދެގުނައަށް އިތުރު ވެފައެވެ.