ކުޅިވަރު

ލިވަޕޫލުން ހަތް ލަނޑު ޖަހައި ވާދަވެރި ޔުނައިޓެޑް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހަތްލަނޑު ސުންލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަޅާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ހާފް ވަރަށް ހަމަހަމަ ކޮށް ދިޔަ ނަމަވެސް ލިވަޕޫލުންވަނީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ޑަވިން ނޫނޭޒްއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ގަކްޕޯއެވެ. މިމެޗްގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހާދިނީ މެޗްގެ 66 ވަނަ މިނެޓްގައި މުހަންމަދު ސަލާހްއެވެ. އެޓީމްގެ ފަސްވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ނޫނޭޒް ޖަހާދިން އިރު ހަވަނަ ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ސަލާހްއެވެ. މިލަނޑާއެކު ސަލާހް ވަނީ ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. އޭނާ ވަނީ 129 ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ. ރެއަ ހަމައަށް މިރިކޯޑް އޮތީ ރޮބީ ފައުލަރ އަތުގައެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރޮބާޓޯ ފިރްމީނޯއެވެ.

މިކާމިޔަބީއާއެކު ލިވަޕޫލް މިވަނީ މިހާތަނަށް ޔުނައިޓެޑްގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދާފައެވެ. މީގެ ކުރިން އެންމެ ތަފާތު ބޮޑުކޮށް ލިވަޕޫލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 1895 -1896 ވަނަ އަހަރުގެ ސީޒަންގައި ހަތް ލަނޑު އެއް ލަނޑުން ހޯދި ކާމިޔަބީއެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް މިޙާރު އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.