ޚަބަރު

ގޭންގާއި ޑްރަގް ނެޓްވޯކް ހިންގާ މީހުންނަށް ހޯމް މިނިސްޓަރުގެ އިންޒާރެއް!


ޑްރަގާއި ގޭންގުތައް ހިންގާ ފަރާތްތަކުން ފަހަތަށް ޖެހުމަށް ގޮވާލާ، ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ބައެއް މީހުންނަށް މިނިސްޓަރ ލުއި ދެއްވާ ޖަލުން މިނިވަން ކުރާކަމަށް ތުހުމަތުކުރައްވާފައެވެ.

ރިޔާޒްގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ކުށްތަކަކީ އެންމެ ސީރިއަސް ބޮޑެތި ކުށްތަކުގެ ގޮތުގައި ދެކިގެން މަސައްކަތްކުރާކަމަށެވެ. އެއީ ކުޑަކޮށްވެސް ދޫދޭނެ ކުށްތަކެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޑްރަގް ވިޔަފާރި ކުރާ މީހުންގެ ކުރިމަތީ އެމަނިކުފާނު ކުޑަ ތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރަން ފުލުހުންނާއެކު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ޚާއްޞަކޮށް ފަހުން ހިނގާފައިވާ ބޮޑެތި މައްސަލަތައް އިތުރަށް ބަލާ ދިރާސާކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް ދަންނަވަން ކެރޭ، ރާއްޖޭގައި ޚާއްޞަކޮށް މަސްތުވާތަކެއްޗާ ގޭންގުތައް ހިންގުމުގެ ކުށުގަ ބައިވެރިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެ ގޮތެއް މެދުވެރިއެއް ނުވާނެ. ގޭންގުތަކާ ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން. އޭގެތެރޭ ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއް ނުވާނެ. މިކަމުގެ ޔަޤީންކަން ތި މެންބަރުންނަށް ވަރަށް ސާބިތުކަމާއެކު އަޅުގަނޑު އަރުވަން." ޢިމްރާން ވިދާޅުވިއެވެ

މިނިސްޓަރ ވަނީ ގޭންގުތަކައި ޑްރަގް ވިޔަފާރީގެ ނެޓްވޯކްގެ ފަހަތުގައި ތިބީ ވިޔަފާރިވެރިންނާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ސިޔާސި ބައެއް ފަރާތްތައްކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އެއަށްފަހު މިނިސްޓަރ ވަނީ އެ ކުށްތައް ހިންގާ ހުރިހާ އެންމެން ފަހަތަށް ޖެހުމަށް އިންޒާރުދެއްވާފައެވެ.

"މި އަޑު އައްސަވާނެކަމަށް ހީކުރަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ތިބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަންޖެހޭ. މިފަދަ ކަމަކާއި ދައުލަތުގެ އެއްވެސް އިސް ފަރާތަކުން ބައިވެރިވުމަކީ މި ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްވާން އެބަޖެހޭ. ނޫނީ މި ޤައުމަށް ރައްކާތެރިކަމެއް ނެތް." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ވެށީގެ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގައި ޤައުމީ ލެވެލްގެ ޚާއްސަ ޓާސްކްފޯހެއް އުފައްދާ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ދަނީ މަސައްކަތްކުރަމުންނެވެ. މިޓާސްކްފޯހުން ކުރެވޭ މަސައްކަތުން ބޮޑެތި ކާމިޔާބީތަކާއި ހަމައަށް ވާސިލް ވެވޭނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތި އޮތް މިންވަރާއި، އެތެރެވާ ގޮތާއި، ބޭނުން ކުރާ މީހުންނާއި، ގެންގުޅޭ ތަންތަންވެސް ފުލުހުން ދެނެގަނެ މިކަންކަން ކުރާ މީހުން ހުއްޓުވުމަށް ރެއާއި ދުވާލު ފުލުހުން ބުރަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިސަރުކާރުން ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި 2 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.