މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި މ. ދިއްގަރާއި، ކ. ގާފަރު އަދި ދ. ކުޑަހުވަދޫން ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މުބާރާތުގެ ޒޯން ހަތަރެއްގެ ތަށި ދިއްގަރުން ހޯދީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-6 އިން އދ. މާމިގިލި އަތުން މޮޅުވެގެންނެވެ.
މި މެޗަށް ދިއްގަރުން ނުކުތީ އެ ޓީމުގެ ކެޕްޓަން އިބްރާހީމް ރިއްފަތު ނެތިއެވެ. އެކަމަކު މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ ނޫހު މައްސޫދު ވަނީ ދިއްގަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ނޫހު އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަވެގެން ދިޔައެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ދިއްގަރުން ވަނީ ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ވައްދާލާފައެވެ. އަދި މާމިިގިލިން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ހައިޝަމް އަރީފް އާއި އިބްރާހިމް ރިޒުހާން (ރިޒްކޮ) ގެ ޕެނަލްޓީ ކާމިޔާބެއްނުވިއެވެ. މި ޒޯނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް މާމިގިލީގެ ހިސާމް ސަލީމް ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްގަރުގެ މުޙައްމަދު އަލީއެވެ.
މި މުބާރާތުގައި ރޭ ކުޅުނު ޒޯން ތިނެއްގެ ފައިނަލުގައި އއ. ބޮޑުފޮޅުދޫގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ކ. ގާފަރުން ވަނީ އެ ޒޯން ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ގާފަރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ޒޯނުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ މާއިސް (މައްޓު) ދިން ބޯޅައަކުން ކެޕްޓަން ސާމިން މުޙައްމަދު ނަސީރެވެ. މި ޒޯނުގެ އެންމެ ގިނަ ލަނޑު ޖެހީ ގާފަރުގެ ނާއިހު މުފީދެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށް ދ. ކުޑަހުވަދޫން ވަނީ ޒޯން ފަހެއްގެ ތަށި އުފުލާލާފައެވެ.
މި މެޗުގެ ކުރީކޮޅުގައި އިބްރާހީމް އަސްވަދު (ގަބޭ) ދިން ބޯޅައަކުން އިބްރާހިމް ހަމްދާން ވަނީ ތިމަރަފުއްޓަށް ލީޑު ނަގައިދީފައެވެ. އެކަަމަކު އޭގެ ފަހުން ކުޑަހުވަދޫގެ ހާރޫން އިބްރާހީމް ވަނީ ދެ ލަނޑު ޖަހައި އެ ޓީމު މޮޅުކޮށްދީފައެވެ. ކުޑަހުވަދޫގެ ޖުމައިލް ޖަމީލަށް ޒޯން ފަހެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، މި ޒޯނުގައި އެންމެ ގިނަ ލަނޑު ޖެހީ ތިމަރަފުށީ ޓީމުގެ ހަމްދާންއެވެ.
ރޭގެ މެޗުތަކާއެކު މި މުބާރާތުގެ ޒޯން ބުރު ނިމުނުއިރު، ގަދަ 16 އިގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ.