ކުޅިވަރު

ބީބީ ރަނާސްއިން މި އަހަރުގެ ދުވުންތަކުގައި ބޭނުންކުރާނެ ޖާޒީ ދައްކާލައިފި


ރާއްޖޭގެ ދުވުންތަކުގައި ފާހަގަކޮށްލެވޭ ގްރޫޕެއް ކަމަށްވާ ބީބީ ރަނާސްއިން މި އަހަރުގެ ދުވުންތަކުގައި ބޭނުންކުރާނެ ދެ ވައްތަރެއްގެ ޖާޒީ ރަސްމީކޮށް ދައްކާލައިފިއެވެ.

މި ޖާރޒީތައް ދައްކާލާފައިވަނީ މިކަމަށްޓަކާ އެކުވެނި ޓްރެކުގައި ބޭއްވި ޖާރޒީ ލޯންޗުކުރުމުގެ ހަފުލާގެ ތެރެއިންނެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ. މީގެއިތުރުން ބީބީ ރަނާސްގެ ވެރިޔާ އަފީފް އަބްދުއްސަމަދާއި ބީބި ރަނާސްގެ ދުވުންތެރިން ބައިވެރިވިއެވެ.

މިއަހަރުގެ ދުވުންތަކުގައި ބީބީ ރަނާސް އިން ބޭނުންކުރާނެ ދެ ވައްތަރެއްގެ ޖާރޒީ ވަނީ ދައްކާލާފައެވެ. އެއީ އޮފިޝަލް ޖާރޒީ އަދި ދުވުންތެރިންގެ ހާއްސަ ޖާރޒީއެވެ. މީގެ ހަތް އަހަރު ކުރިން ފެށިގެން ބޮޑެތި ދުވުންތަކާއި ބޮޑެތި ހަރަކާތްތަކުގައި މަޝްހޫރު ބީބީ ރަނާސް އިން މިއަހަރުވެސް ގިނަ ދުވުންތަކެއްގައި ބައިވެރިވާން ވަނީ ނިންމާފައެވެ.

އަހަރުތެރޭ ބާއްވާ ބޮޑެތި ދުވުންތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ހާފް މެރަތަންގައި ބީބީ ރަނާސް އިން ބައިވެރިވާން ނިންމާފައިވާއިރު މިއަަހަރުގެ ދުވުމަށް 54 ދުވުންތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ބީބީ ރަނާސް އިން މައުލޫމާތުދެއެވެ. ހިލޭސާބަހަށް މަސައްކަތްކުރާ މި ގްރޫޕުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބުނެއެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްވަމުން ބީބީ ރަނާސްގެ ވެރިޔާ އަފީފް ވިދާޅުވީ މިއަހަރަކީ ވެސް ހާއްސަ އަހަރެއް ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތަފާތުކުރުމެއް ނެތި ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި އުއްމީދަކީ މިއަހަރަކީ ވެސް ކާމިޔާބު އަހަރަކަށްވުން ކަމަށްވެސް ބުންޏެވެ.

ހަފްލާ ޝަރަފްވެރިކޮށްދެއްވި ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު ވިދާޅުވީ ބީބީ ރަނާސް އަކީ ފާހަގަކޮށްލެވޭ ދުވުންތެރިންތަކެއް ހިމެނޭ ގްރޫޕެއް ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބީބީ ރަނާސްގެ ހަރަކާތްތަކަށް އަބަދުވެސް ތަރުހީބުދެއްވާނެ ކަމަށެވެ.

ބީބީ ރަނާސް އިން މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރޭގައި ކޮންމެ ދުވުމެއްގައި މަދުވެގެން 50 ދުވުންތެރިން ބައިވެރިކުރުން ހިމެނެއެވެ.