މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުމަށްޓަކައި މަިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވާފައި ބެހެއްޓުމަށާއި، އެ ޑިޕާޓްމަންޓުން ކޯޓުތައް ބަންދުކުރުމަށް އެންގުމުން ނުވަތަ ހަނދާބެހޭ ޤަރާރު އިޢުލާންކުރުމުން ކޯޓުތައް ބަންދުކުރާގޮތަށް ހަމަޖެއްސުމަށް މެޖިސްރޭޓް ކޯޓުތަކަށް އަންގަވާފައެވެ.
ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށްޓަކާ މީހަކު ނުވަތަ ބަޔަކު އައުމުން އެކަން މަޢުލޫމާތަށްޓަކާ ވަގުތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުމަށާއި، ހަނދު ފެނުނުކަމުގެ ހެކިބަސް ހޯދާއިރު، ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މަޢުލޫމާތު ދޭންވާނެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.
އެހެންކަމުން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލް އިދާރާތަކުން ޚިދުމަތް ލިބޭނެގޮތެއްގެ މަތިން އިންތިޒާމްކޮށްދެއްވައި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅު ކައުންސިލް އިދާރާތަކާއި ރަށު ކައުންސިލް އިދާރާތައްވެސް ހުޅުވާފައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވާފައިވެއެވެ. އަދި ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހެވެ.