ޔުނިކްސް ސްޕޯޓިން އާއި ކްރޮސްއޯވާ އިވެންޓްސް ގުޅިގެން ބޭއްވި ދެވަނަ ފައިގަތަޅާ ފޯރި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިފްކޯއިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިފްކޯއިން ހޯދީ ފައިނަލުގައި އެޗްޑީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ވެމްކޯ ހޯދީ ފައިނަލުގައި އޭސީސީ ރެކްރިއޭޝަން ކުލަބް ބަލިކޮށްގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް 15000 ރުފިޔާ ވަނީ ދީފައެވެ. އަދި ދެވަނަ ޓީމުތަކަށް ވަނީ 7000 ރުފިޔާ ދީފައެވެ. މީގެއިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ.
ޖުމްލަ 50 އަށްވުރެ ގިނަ ޓީމާއެކު މިއަހަރުގެ މުބާރާތްވެސް ނިމިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ގިނަ އަދަދެއްގެ މީހުންގެ ބައިވެރިވުމާއެކު މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ އޮފީސް މާހައުލާއި އެއް އޮފީސް އަނެއް އޮފީހުގެ ދެމެދު ގުޅުން ބަދަހިކުރުމެވެ. އަދި ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި ޓްރެޑިޝަނަލް ޑޮޖްބޯލް ކުޅުމުގެ މަގުފަހިކޮށްދިނުމާއި، ކުޅިވަރުގެ ޒަރީއާއިން ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓުކުރުމެވެ.
މުބާރާތުގައި މެޗެއްގެ ދިގުމިނަކީ 15 މިނެޓެވެ. ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި ބޭނުންކުރަނީ ވަކި ޤަވާއިދެކެވެ. މިއީ މުބާރާތް އިންތިޒާމުކުރާ ޔުނިކް ސްޕޯޓްސް އިން އެކުލަވާލި ޤަވާއިދެކެވެ.
މިއަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް ފައިގެތަޅާ މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔުނިކް ސްޕޯޓްސް އިން މައުލޫމާތުދެއެވެ.