ކުޅިވަރު

ބްރޫޖް ބަލިކޮށް ބެންފީކާ ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބެންފީކާ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން ބެންފީކާ ޖާގަހޯދީ ގަދަ 16 ގައި ކްލަބް ބްރޫޖާ ބައްދަލުކޮށް ހަތް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ދެ ލަނޑު ސުންލަނޑުން ބެންފީކާ ކާމިޔާބުކުރިއިރު، ރޭ ބެންފީކާގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.

ބެންފީކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެންފީކާއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާ ލީދު ނަގާފައިވަނީ ބެންފީކާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަފާ ސިލްވަރއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބެންފީކާގެ ލީޑު ފުޅާކޮށްދިނީ ގޮންސާލޯ ރާމޯސް ޖަހާދިން ލަނޑުންނެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 57 ވަނަ މިނެތްގައި ޖަހާދިނީވެސް ރާމޯސްއެެވެ. މިމެޗްގައި ބެންފީކާގެ ހަތަރު ވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖާއޮ މާރިއޯއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ ޑޭވިޑް ނެރޭސްއެވެ. މިމެޗްގައި ބްރޫޖް އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ބިޔޯން މެއިޔަރއެވެ.

މިކާމިޔާބީއާއެކު ބެންފީކާ މިވަނީ ޖެހިޖެހިގެން ދެވަނަ ސީޒަންގައި މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ވުރެ ކުރިއަށް ބެންފީކާއަށް މިހާތަނަށް ދެވިފައެއް ނުވެއެވެ. އަދި މިމެޗުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު ކްލަބް ބްރޫޖް ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު އެޓީމްގެ ކޯޗް ސްކޮޓް ޕާރކަރގެ މުސްތަގްބަލާމެދުވެސް މިހާރުވަނީ ސުވާލު އުފެދިފައެވެ.