ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗަކީ ޓޮޓްނަމް ހޮޓްސްޕާއަށް މި ސީޒަނުގެ އެންމެ މުހިންމު މެޗު ކަމަށް އެ ޓީމުގެ ފޯވާޑް ސޮން ހެއުން-މިން ބުނެފިއެވެ.
މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގް މިލާންގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައިވަނީ މިލާނެވެ.
މިރޭގެ މެޗަށް ނިކުންނައިރު ސްޕަރސްއަށް މިވަނީ ޖެހިޖެހިގެން ތިންވަނަ މެޗަކުން ބަލިނުވުމަށްވެސް މިމެޗުން މޮޅުވުން މުހިންމު ކަމަކަށް ވެފައެވެ. ސްޕަރސް އެންމެ ފަހުން އެފް އޭ ކަޕްގައި ސެފީލްޑް ޔުނައިޓެޑް އަތުން ބަލިވިއިރު އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޕްޓަން ވޮންޑަރަރސް އާއި ބައްދަލުކުރިމެޗުންވެސް ވަނީ ބަލިވެފައެވެ.
ސޮން ހާމަކުރިގޮތުގައި ފުރަތަމަ ލެގްނެ ނާކާމިޔާބީއަށް ފަހު މިމެޗްގައި އެޓީމުން ރަނގަޅު ކުޅުމެއް ދައްކާ މެޗް ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން މިއީ މިސީޒަންގައި ސްޕަރސްއަށް އެންމެ މުހިންމު މެޗްގެ ގޮތުގައި ސޮން ސިފަކުރިއެވެ. އަދި މިސީޒަންގައި މިހާރު ސްޕަރސްއަށް ތަށްޓެއް ކާމިޔާބު ކުރުމަށް ހުޅުވިފައިވާ ހަމައެކަނި ފުރުސަތަކީވެސް މިއީއެވެ. މިދިޔަ ހަފްތާގައި އެފް އޭ ކަޕްގައި ލިބުނު ނާކަމިޔާބީއަކީ ވަރަށް ހިތްދަތި ކަން އިހްސާސް ކުރަން ޖެހުނު މެޗެއް ކަމަށާއި މިރޭގެ މެޗުން މޮޅުވުމަކީ އެކަމުން އަރައިގަތުމުގެ އިތުރުން ޓީމްގެ ތެރޭގައި އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރުގަދަ ކުރުމަށްވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސޮން ހާމަކުރިއެވެ.
މިރޭގެ މެޗްގައި ސްޕަރސްގެ ބެންޗުން އެޓީމްގެ ކޯޗް ކޮންޓޭ ފެނިގެންދާނެކަމަށް ވަނީ ޔަގީން ކުރެވިފައެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗަށްފަހު ކޮންޓޭ ދިޔައީ އޭނާ ވަރަށް ފަހުން ކުރި އޮޕަރޭޝަނަކާއި ގުޅިގެން އަރާމު ކުރަމުންނެވެ.