ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ބުރުގައި މި ފަހަރު ތިމަރަފުއްޓާއި ގާފަރު


މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގަދަ 16 ބުރުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ތ. ތިމަރަފުއްޓާއި ކ. ގާފަރު ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ދެ ޓީމު ވަނީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމުގެ ކުރިން ބޭއްވި ޗެރިޓީ މެޗުގައިވެސް ކުޅެފައެވެ. އެ މެޗު ކާމިޔާބުކޮށްފައިވަނީ ގާފަރުންނެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ބައްދަލުކުރި މި ދެ ޓީމުގެ ކުރިމަތިލުން ތިމަރަފުށި ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން ޕެނަލްޓީގައި 3-2 އިންނެވެ.

ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުން މިއަހަރުގެ މުބާރާތުގެ އަތޮޅު ބުރުގައި ގާފަރު ވަނީ ދިއްފުށި އަތުން ބަލިވެފައެވެ. ނަމަވެސް ޒޯން ބުރުގައި އެ ޓީމު ވަނީ ބޮޑުފޮޅުދޫ ބަލިކޮށް ޒޯނުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ތިމަރަފުއްޓަށް މިއަހަރުގެ މުބާރާތުގައި އެ ޓީމުގެ އެންމެ ވަރުގަދަ ކުޅުން ދެއްކޭގޮތެއް ނުވެއެވެ. ޝީލްޑް މެޗުގައި ގާފަރު އަތުން ބަލިވިއިރު އަތޮޅު ބުރުން ބަލިވީ ތ. ކިނބިދޫ އަތުންނެވެ. ޒޯން ބުރުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމު ވަނީ ފައިނަލުގައި ދ. ކުޑަހުވަދޫ އަތުން ބަލިވެފައެވެ.

މުބާރާތުގެ ގަދަ 16 ބުރުގެ މެޗުތައް މިރޭ ކުޅޭއިރު، ޒޯން އަށެއްގެ ޗެމްޕިއަން، ހދ. ނައިވާދޫ ކުޅޭނީ ޒޯން އަށެއްގެ ރަނަރަޕް، ވިލިމާލެއާ އެވެ. ޒޯން ދޭއްގެ ޗެމްޕިއަން، ރ. އިނގުރައިދޫ ކުޅޭނީ ޒޯން ހަތެއްގެ ރަނަރަޕް، ސ. ފޭދޫއާ އެެވެ. ޒޯން ހަތަރެއްގެ ޗެމްޕިއަން، ދިއްގަރު ބައްދަލުކުރާނީ ޒޯން ހައެއްގެ ރަނަރަޕް، ލ. ގަމާ އެވެ. ޒޯން ތިނެއްގެ ޗެމްޕިއަން، ގާފަރުން ޒޯން ފަހެއްގެ ރަނަރަޕް، ތިމަރަފުށްޓާ ކުޅޭއިރު، ޒޯން އަށެއްގެ ޗެމްޕިއަން، މާފަންނު ކުޅޭނީ ޒޯން ތިނެއްގެ ރަނަރަޕް، އއ. ބޮޑުފޮޅުދޫއާ އެވެ.

ޒޯން ހައެއްގެ ޗެމްޕިއަން، ގދ. ވާދޫން ނުކުންނާނީ ޒޯން ހަތަރެއްގެ ރަނަރަޕް، އދ. މާމިގިއްޔާ ދެކޮޅަށެވެ. ޒޯޯން ފަހެއްގެ ޗެމްޕިއަން، ކުޑަހުވަދޫން ޒޯން އެކެއްގެ ރަނަރަޕް، ށ. ކަނޑިތީމާ ކުޅޭއިރު، ޒޯން ހަތެއްގެ ޗެމްޕިއަން، ޏ. ފުވައްމުލަކު، ދަނޑިމަގު ބައްދަލުކުރާނީ ޒޯން ދޭއްގެ ރަނަރަޕް ބ. އޭދަފުށްޓާ އެވެ.