ކުޅިވަރު

ތުރުކީ މެރަތަން ފުރިހަމަކޮށް ނަސްރުގެ މެރަތަންގެ އަދަދު 89 އަށް


ރަން ޓޯލިޔާގެ ނަމުގައި ތުރުކީގެ އަނަޓޯލިޔާގައި ބޭއްވި މެރަތަން އާއެކު ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަޙްމަދު އެއް މަސްތެރޭ ތިންވަނަ މެރަތަން ފުރިހަމަކޮށްފިއެވެ.

ތުރުކީގައި ބޭއްވިމި މެރަތަން ނަސްރު ފުރިހަމަ ކުރީ 3 ގަޑިއިރާއި 37 މިނެޓުންނެވެ. އޭނާ ވަނީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި މެރަތަން އަކާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި މެރަތަންއެއްގައި ދުވެފައެވެ. ދުބާއީ މެރަތަން 3 ގަޑިއިރާއި 36 މިނެޓުން ފުރިހަމަކުރި އިރު ދިއްލީ މެރަތަން އޭނާ ފުރިހަމަކުރީ 3 ގަޑިއިރާއި 35 މިނެޓުންނެވެ.

އެއާއެކު ނަސްރު ފުރިހަމަކޮށްފައިވާ މެރަތަންތަކުގެ އަދަދު ވަނީ 89 އަށް އަރާފައެވެ. ނަސްރު ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އަހުމަދު ނަސީރު ވަނީ މި ހާފް މެރަތަންގައި ވާދަކޮށްފައެވެ.

ނަސްރު މަސައްކަތްކުރަމުން ދަނީ އޭނާގެ 100 ވަނަ މެރަތަން ފުރިހަމަކުރުމަށެވެ. އެ އަމާޒަށް ވާސިލުވާން އޭނާއަށް ދެން ބޭނުންވަނީ 11 މެރަތަންއެވެ. މާލޭގައި 1999 ގައި ބޭއްވި އެމްޓީސީ މެރަތަންއަށް ފަހު ނަސްރު ބޮޑެތި މެރަތަންތަކުގައި ޤަވާއިދުން ބައިވެރިވަމުންނެވެ.