ޚަބަރު

ކުށްތައް ހުއްޓުވުމަށް ޖަޕާނުން ރާއްޖެއަށް 38.5 މިލިޔަން ރުފިޔާގެ އެހީ


ރާއްޖޭގައި ހިންގާ އެކި އެކި ކުށްތައް ހުޓުވުމަށް ޖަޕާނު ސަރުކާރުން ދޭ 38.5 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކަނޑުފަޅުތަކުގެ ސަލާމަތާއި ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ 3 އަހަރު ދުވަހުގެ މަޝްރޫއަށް ޖަޕާން ސަރުކާރުން ދޭ
މިއެހީގެ އެއްބަސްވުމުގައި ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓެކުއެޗި މިޑޯރީއެވެ. ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ ސައުތު އޭޝިއާ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ރެޕްރެޒެންޓޭޓިވް މާކޯ މޮރެއިރާ ޑެ ސާ އަސުންކާއޯއެވެ.

މިއެއްބަސްވުމުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްވެރިކަމުގެ ދާއިރާއިން ކުށްތައް ކުރާ ފަރާތްތައް ހޯދާ ތަހްޤީގުކޮށް ދަޢުވާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ފަރުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ކުށްތަކުގެ ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކުރުމުގައާއި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށްވެސް މީގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ޢިލްމާއި ހުނަރާއި ޤާބިލްކަން އިތުރު ކުރުމަށާއި، މެރިޓައިމް ސެކިއުރިޓީގައި ހަރަކާތްތެރިވާ މީހުންގެ ފަންނީ ޤާބިލްކަން އިތުރު ކުރުމަށާއި، ކަނޑުމަގުން ކުރިމަތިވާ ނުރައްކާތައް ދެނެގަތުމަށާއި، ކަނޑުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް ޝައްކުކުރެވޭ މީހުންގެ މައްޗަށް އިންސާފުވެރިކަމާއެކު ދައުވާކުރުމުގައި އެހީތެރިކަން ލިބިގެންދާނެއެވެ.