2 ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމުގެ މަޝްވަރާތައް އިންޑިއާ އާއި އޮސްޓްރޭލިއާއިން ކޮށްފިއެވެ.
މިމަޝްވަރާތައް ކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ބުދަ ދުވަހު އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައެވެ. މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގެ ވިޔަފާރި ފުޅާކުރުމުގެ އިތުރުން އިންވެސްޓްމަންޓާއި ދިފާއީ ގުޅުމުގެ މައްޗަށް ވަނީ ވާހަކަދައްކާފައެވެ.
އަލްބަނީސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ 2017 ވަނަ އަހަރަށްފަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރަކު ފުރަތަމަ ފަހަރަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެވެ.
"އިންޑިއާ އާއި އޮސްޓްރޭލިއާގެ ދެމެދުގައި ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކެއް އެބައޮތް. އަދި 2020 ވަނަ އަހަރުގެ ޖޫން މަހު ދެ ގައުމުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް ފުރިހަމަ ސްޓްރެޓެޖިކް ޕާޓްނަޝިޕަކަށް ބަދަލު ކޮށްފައިވާ ކަމަށް އަލްބަނީސްގެ މި ދަތުރުފުޅުގެ ކުރިން އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަންގާރަ ދުވަހު ސިޑްނީގައި ވާހަކަ ދައްކަވަމުން އަލްބަނީސް ވިދާޅުވީ އޮސްޓްރޭލިއާއިން ބޭނުންވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމަށް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޓްރޭޑް އެގްރީމަންޓް، އީސީޓީއޭ ގެ ނަމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފައިވާއިރު، މިއީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީވެފައިވާ ގައުމަކާއިއެކު އިންޑިއާ އިން ފުރަތަމަ ސޮއިކުރި އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން އޮސްޓްރޭލިއާ އަށް އެކްސްޕޯޓުކުރާ %96 މުދަލުން ނަގާ ޑިއުޓީ އެއްކޮށް ވަނީ މައާފްކޮށްފައެވެ. އަދި އޮސްޓްރޭލިއާ އިން އިންޑިއާއަށް އެކްސްޕޯޓްކުރާ %85 މުދަލުން ނަގާ ޑިއުޓީ ވެސް ވަނީ މައާފްކޮށްފައެވެ.
ނަމަވެސް މި އެއްބަސްވުމަށްވުރެ މާ ފުރިހަމަ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދުގައި 2011 ވަނަ އަހަރު ފަށާފައިއޮތްއިރު، މަޝްވަރާތައް ކުރިއަށް ނުދާތީ 2016 ވަނަ އަހަރު މި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
އޮސްޓްރޭލިއާ އާއި އިންޑިއާ އާއި ދެމެދު 2021 ވަނަ އަހަރު ކުރި ވިޔަފާރި 27.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އީސީޓީއޭގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ދެގުނައަށް ނުވަތަ 50 ބިލިއަން އެމެރިކާ ޑޮލަރަށް ވިޔަފާރި ފުޅާ ކުރެވޭނެ ކަމަށް އިންޑިއާ އިން ބުނެއެވެ.