ކުޅިވަރު

ޕީއެސްޖީ ބަލިކޮށް ބަޔާން ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީ ބަލިކޮށް ކުއާޓާ ފައިނަލަށް ބަޔާން މިއުނިކް ދަތުރުކޮށްފިއެވެ.

ބަޔޭންއިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 1-0 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ބަޔޭން ކާމިޔާބުކުރިއިރު، ރޭ ކުޅުނު ދެވަނަ ލެގް އަމިއްލަ ދަނޑުގައި ބަޔޭން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕީއެސްޖިއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ކުރީކޮޅު ބަޔޭންއިން ބޮޑަށް ޑިފެންސަށް އިސްކަން ދިންތަން ފެނިގެންދިޔަ ނަމަވެސް މިމެޗްގައި އެޓީމްގެ ޑިފެންސަން މާބޮޑު މައްސަލަ ތަކަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. މިގޮތުން ޕީއެސްޖީގެ ނުރައްކާތެރި ފޯވަޑުން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ލިއޮނެލް މެސީ ދެލެގް ނިންމާލީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިމެޗްގައި ބަޔޭންގެ ފުރަތަަމަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ސަރޖީ ގެނާބްރީއެވެ. މިމެޗްގައި މީގެ އިތުރުންވެސް ބަޔާންގެ ޗޯޕޯ މޯޓިންގ އާއި ސާޑިއޯ މާނޭ ޖެހި ދެ ލަނޑެއް ވަނީ ވީއޭއާރް ބެލުމަށްފަހު އޮފް ސައިޑް ކަމަށް ދައްކާފައެވެ.

މިކާމިޔާބީއާއެކު ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ބަޔޭން ކްއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ޕީއެސްޖީ މިވަނީ އެޓީމް އެންމެފަހުގެ ހަތް މުބާރާތުގެ ތެރެއިން ފަސް މުބާރާތުގައި ގަދަ 16 ގެ ބުރުން މުބާރާތުން ކަޓާފައެވެ.