ކުޅިވަރު

އެގްރިގޭޓުން ޓޮޓްނަމް ބަލިކޮށް މިލާން ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް ކުއާޓާ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ.

ސްޕާސްގެ މައްޗަށް މިލާން ކުރި ހޯދީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 1-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ މިލާނެވެ. އަދި ރޭ ސްޕަރސްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްް ނުޖެހި އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްޕަރސްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމާ އުފައްދާފައިވަނީ މިލާނުންނެވެ. އަދި މިމެޗްގައި ސްޕަރސްގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ އިރު މިލާނުން ވަނީ ރަނގަޅަށް ކުޅެ ސްޕަރސްއަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓަލާފައެވެ. އަދި ހާއްސަކޮށް މިލާންގެ ކީޕަރ މައިކް މައިގްނަން ވަނީ މުހިންމު ހަމަލާ ތަކެއް ދިފާއުކޮށްފައެވެ. މިގޮތުން ޕިއޭ އެމީލް ހޮއިބަރގް އާއި ހެރީ ކޭން ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. މިމެޗްގައި މިލާނަށް ލަނޑެއް ޖެހުމާއި އެންމެ ގާތައް ދިޔައީ ޑިވޮކް އޮރީގީއެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ އުަމާޒުވީ ސްޕަރސްގެ ގޯލްގެ ދަނޑިއަށެވެ.

މިކާމިޔާބީއާއެކު މިލާން ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ޖާގަހޯދިއިރު، މިނާކާމިޔާބީއާއެކު ސްޕަރސް އަށް މިވަނީ މިސީޒަންގައި ތައްޓެއް ހޯދުމަށް އޮތް އެންމެ ފަހު ފުރުސަތު ގެއްލިގެން ގޮސްފައެވެ. އެޓީމަށް މިހާރު އޮތް ހަމައެކަނި ފުރުސަތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށް މަސައްކަތް ކުރުމެވެ.