ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން ތިމަރަފުއްޓާއެކު ކުއާޓާގެ ޖާގަތައް ކަށަވަރުވެއްޖެ


މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ހުރިހާ މެޗެއް ރޭ ކުޅުނުއިރު، މި މެޗުތަކުން މޮޅުވެ، ކުއާޓާއަށް ދަތުރުކުރީ ތ. ތިމަރަފުއްޓާއި، ލ. ގަމާއި. ގދ. ވާދޫ އާއި، ދ. ކުޑަހުވަދޫ އާއި، ބ. އޭދަފުއްޓާއި، ރ. އިނގުރައިދޫ އާއި، ހދ. ނައިވާދޫގެ އިތުރުން މާފަންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ގާފަރާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެންކަމުން ޕެނަލްޓީގައި ތިމަރަފުށިން ކުރިހޯދީ 3-5 ގެ ނަތީޖާއަކުންނެވެ. ލ. ގަމުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މ. ދިއްގަރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ގަމުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ހަލީމެވެ.

ގދ. ވާދޫން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ އދ. މާމިގިލި 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ތިމަރަފުށި ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫން ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ދެވަނަ ބުރުގައި ށ. ކަނޑިތީމުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މީގެ އިތުރުން ބ. އޭދަފުށިން ކުއާޓާގެ ޖާގަ އެއް ކަށަވަރުކުރީ 2-0 ގެ ނަތީޖާއަކުން ޏ. ފުވައްމުލަކު ދަނޑިމަގު ބަލިކޮށްގެންނެވެ. ނައިވާދޫން ކުއާޓާއަށް ދިޔައީ، ފޯރިގަދަ މެޗަކަށްފަހު 3-2 ގެ ނަތީޖާއަކުން ވިލިމާލެ ބަލިކުރުމަށްފަހުގައެވެ.

ޒޯން ދޭއްގެ ޗެމްޕިއަން އިނގުރައިދޫ އިންވެސް ވަނީ ކުއާޓާގެ ޖާގަ އެއް ކަށަވަރުކޮށްފައެވެ. އެ ޓީމުން ކުއާޓާއަށް ދިޔައީ، ފޭދޫ 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.