ކުޅިވަރު

ލިވަޕޫލް އަތުން އާސެނަލަށް މޮޅެއް


އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އާސެނަލްއިން ލީގު ކަޕް ކާމިޔާބުކުރި ފަހުން ކުޅުނު ލީގުގެ ފުރަތަމަ މެޗެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާދިނީ ސްޓިނާ ބްލެކްސްޓެއިނިއަސްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ހަ މިނެޓްފަހުން ޖަހާދިނީ ކައިޓްލިން ފޯޑްއެވެ. މިދެލަނޑު ޖެހުމުގެ ކުރިން އާސެނަލްއިން ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށްވެސް ދައްކާފައެވެ. މިމެޗްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ 13 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި ތިންވަައިގާ އުޅޭ މެންޗެސްޓަރ ސިޓީއާ މިހާރު އޮތީ ތިން ޕޮއިންޓްގެ ތަފާތެވެ. އަދި މިނާކާމިޔާބީއާއެކު ލިވަޕޫލުން މިސީޒަންގައި ރަށުން ބޭރުގައި ރަނގަޅު ނަތީޖާއެއް ނުހޯދޭ ދިއުން މިވަނީ އަނެއްކާވެސް ތަކުރާރުވެފައެވެ. އެގޮތުން ލިވަޕޫލް މިހާރު އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ.