ކުޅިވަރު

ބްރައިޓަން ބަލިކޮށް ޗެލްސީ ދެވަނައަށް


ލީގު ކަޕުގެ ނާކާމިޔާބީއަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ކުޅުނު މިމެޗް ޗެލްސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީއަށް ކާމިޔާބުކޮށްދިނީ ގޫރޯ ރެއިޓެންއެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ޖެސް ކަރޓަރއެވެ.

މިމެޗްގައި ޗެލްސީގެ ފަހު ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ ޔޮހާނާ ރައިޓިން ކެނަރީޑްއެވެ. އަދި މިމެޗްގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިއެލް ކާޓާއެވެ. މިމެޗަށް ޗެލްސީ ނުކުތީ އެންމެ ފަހުން ލީގު ކަޕްގައި އާސެނަލް އަތުން ބަލިވި ޓީމަށް ހަތް ބަދަލެއް ގެނެސްގެންނެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު ވަނީ ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 13 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކުއެވެ. އަދި ބާކީ އެއްމެޗް ނުކުޅެ އޮތް އިރު ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑާ ދެމެދުގައި ވަނީ އެންމެ ޕޮއިންޓެއްގެ ތަފާތެއް ކަމުން އެމެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ ތާވަލްގެ އެއްވަނަައަށް އެރުމުގެ ފުރުސަތު ޗެލްސީއަށް ލިބިގެންދާނެއެވެ. އަދި ބްރައިޓަން އުޅެނީ 8 ޕޮއިންޓާއެކު 12 ޓީމް ހިމެނޭ މި ލީގުގެ 11 ވަނައިގައެވެ.