ކުޅިވަރު

ޕާކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެއް މި މަހު ރާއްޖޭގައި


10 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެ އާއި ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު މި މަހުގެ ފީފާ ދުވަސްތަކުގައި އެކުވެރިކަމުގެ މެޗެއް ރާއްޖޭގައި ކުޅެން ނިންމައިފިއެވެ.

ޕާކިސްތާނާއި ރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު އެ މެޗު ކުޅުނީ މާލޭގައެވެ. މިއީ އޭގެފަހުން ދެ ޤައުމުންވެސް އެކުވެރިކަމުގެ މެޗެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މި މެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު ޕާކިސްތާނުން ވަނީ މިދިޔަ މަހުން ފެށިގެން މި މެޗަށް ތައްޔާރުވަމުން ކަމަށް އެ ޤައުމުގެ ރިޕޯޓުތަކުން ބުނެއެވެ.

ޓީވީއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފީފާ މެޗު ޑޭ ތަކުގައި އަބަދުވެސް މެޗުތަކެއް ކުޅެން ބޭނުންވާ ކަމަށާއި މި މެޗުތަކުގެ ސަބަބުން ޤައުމީ ޓީމު ވާދަކުރާ މުބާރާތްތަކުގައި ރަނގަޅު ފުރުސަތުތަކެއް ލިބޭ ކަމަށެވެ.

ޕާކިސްތާނުން މި މަހުގެ ތެރޭގައި ރާއްޖެއާއެކު މެޗު ކުޅެން ތައްޔާރުވަމުން އަންނަކަން ފާހަގަކޮށް ބައްސާމް ވިދާޅުވީ މެޗު ކުޅޭނެ ތާރީހު ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެ ކަމަށާއި އަދި އެއީ މުޅި ރާއްޖެއަށް ސަޕްރައިޒަކަށް ވާނެ ކަމަށެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން މަސައްކަތްކުރަނީ މާލެއިން ބޭރު ދަނޑެއްގައި މި މެޗު ކުޅޭށެވެ. މެޗު ކުޅޭ ދަނޑުގެ ހާލަތު ބެލުމުގެ މަސައްކަތް އެފްއޭއެމުން މިހާރު ކުރަމުން އަންނައިރު ކުޅޭނެ ތަން ޔަގީންކުރުމަށްފަހު ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ޕާކިސްތާނުގެ ފުޓުބޯޅަ ވަޅުޖެހި ގިނަ އަހަރުތަކެއް ވޭތުކުރަން ޖެހުނީ ފީފާ ސަސްޕެންޝަންގެ ސަބަބުންނެވެ. އެއީ ސިޔާސީ ނުފޫޒު އެސޯސިއޭޝަނަށް ފޯރުމުގެ މަސައްކަތްކުރުމުން ކަމަށް އޭރު ފީފާއިން ބުނެއެވެ. އަންނަ ޖޫންމަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވެސް ޕާކިސްތާނުން ވާދަކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.