ކުޅިވަރު

ފްރައިބާގް އަތުން ޔުވެންޓަސްއަށް މޮޅެއް


ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ޔުވެންޓަސް އާއި އެސްސީ ފްރެއިބަރގް ބައްދަލުކުރި ފުރަތަމަ ލެގް ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފްރެއިބަރގްއިން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާޟިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގައި ޔޫވޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ އާޖެންޓީނާގެ ތަރި އެންޖެލް ޑި މާރިއާއެވެ. މިމެޗގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިމެޗްގައި ވަރަށް ފަހުން އަނިޔައިން އެނބުރި އައި ފަރަންސޭސި މިޑްފީލްޑަރ ޕޯލް ޕޮގްބާ ޔޫވޭ ޓީމްގައި ހިމަނާފައެއް ނުވެއެވެ. ޔޫވޭއިން ހާމަކުރުގޮތުގައި އޭނާ މިމެޗުން ބާކީ ކުރެވުނީ ޓީމް މީޓިންގއަށް ލަހުން އައުމުންނެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހު ފްރެއިބަރގްގެ ދަނޑުގައެވެ. އެހެން ކަމުން މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދުމުގެ ފުރުސަތު ފްރެއިބަރގްއަށްވެސް އަދި އެބައޮތެވެ.

މިމުބާރާތުގައި އޭއެސް ރޯމާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި ފުރަތަމަ ލެގް ވަނީ ރޯމާއިން ކާމިޔާބުކޮށްފައެވެ. މިމެޗް ރޯމާ ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި 2 ލަނޑު ސުންލަނޑުންނެވެ. މިމެޗްގައި ރޯމާގެ ދެލަޏޑު ޖަހާދިނީ ސްޓެފަން އަލް ޝާރަވީ އާއި މަރާޝް ކުމްބޫލާއެވެ. މިދެޓީމް ބައްދަލުކުރާ ދެވެނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ފުވަހު ސޮސިއެޑާޑްގެ ދަނޑުގައެވެ.