ބްރެޒިލުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން އުޅޭކަން ހާމަކޮށްފައިވުމުން އެކަމާ ކުޑަކޮށް ހައިރާންވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ކްލޮޕް މިކަން ހާމަކޮށްފައިވަނީ މިހަފްތާ ބަންދުގެ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ފިރްމީނޯގެ ނިންމުމާއެކު އޭނ މިފަހަރުގެ ސީޒަން ނިމުމާއެކު ލިވަޕޫލް ދޫކޮށްދާނެވެ. އޭނާ ޓީމް ދޫކޮށްދާން މިނިންމީ އަށް ސީޒަން އެކްލަބްގައި ހޭދަކުރުމަށްފަހުއެވެ. ލިވަޕޫލުން އަންނަނީ ފިރްމީނޯ އާއެކު އާ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުންނެވެ. ކްލޮޕް ހާމަކުރިގޮތުގައި އޭނާ ކުޑަކޮށް ހައިރާންވި ކަމަށެވެ. މިކަމަކީ ކޮންމެ ކޮލަކަށްވެސް ނިމިގެން ހިނގައިދާނެ ކަމެއް ކަމަށާއި މިފަހަރު މިގޮތަށް ނިމިގެން ދިޔައީ ކަމަށެވެ. ނަމަވެސް މިއީ އާންމުކޮށް ގިނަ ދުވަހު ކުޅުންތެރިން އެއް ޓިމެއްގައި ހޭދަކުރާއިރު އާންމުކޮށް ވާކަމެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މިފަހަރުގެ ސީޒަންގައި ވާރލްޑް ކަޕްގެ ކުރިން 13 މެޗްގައި 7 ލަނޑު ޖަހާދިން ފިރްމީނޯއަށް އަނިޔާގެ ސަބަބުން ދެމަސް ދުވަސް ވަންދެން ކުޅުމާދުރުގައިވެސް ހުންނަންޖެހުނެވެ. އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗްގައެވެ.
ޔުނައިޓެޑް މެޗްގައި ފިރްމީނޯ ދަނޑަށް ނިކުތުމުން ލިވަޕޫލްގެ ސަޕޯޓަރުން އޭނާއަށް ކީ ހޫނު މަރުހަބާއާމެދު ވަރަށް ހިތްހަމަ ޖެހުނު ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ. ފިރްމީނޯ އެމެޗާއި ކުރިމަތިލީ ކްލަބް ދޫކޮށްލާ ވާހަކަ ހާމަކުރިފަހުންނެވެ.