ކުޅިވަރު

ބާސެލޯނާއާ ގުޅޭ މައްސަލައެއްގައި ކޮރަޕްޝަނުގެ ދައުވާ އުފުލައިފި


ސްޕެނިޝް ލީގުގެ ތާވަލްގެ އެއްވަނައިގާ މިހާރު އުޅޭ އަދި ސްޕެނިޝް ފުޓްބޯޅައިގާ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމް ކަމަށްވާ ބާސެލޯނާއިން ސްޕެއިންގެ ރެފްރީންގެ ކޮމެޓީގެ ކުރީގެ ނާއިބް ރައީސްއަށް ދީފައިވާ ފައިސާ ތަކަކާއި ގުޅިގެން ކޮރަމްޝަންގެ ދައުވާއާ ކުރިމަތިލާންޖެހިއްޖެއެވެ.

ބާސެލޯނާއިން ހޯޒޭ މާރިއާ އެންރީކޭޒް ނެގްރެއިރާ އާއި އޭނާގެ ނަންމަތީގައިވާ ކުންފުންޏަކަށް 2001 ވަނަ އަހަރުން 2018 ވަނަ އަހަރާއި ދެމެދު އަށެއް ޕޮއިންތް ހަތަރެއް މިލިއަން ޔޫރޯ ދީފާވާކަން ހާމަވެގެން ގޮސްފައިވަނީ މިދިޔަ މަހުއެވެ. ބާސެލޯނާގެ ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައި ބާސެލޯނާ އާއި އެކްލަބްގެ ކުރީގެ އޮފިޝަލުންނާއި ނެގްރެއިރާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމުގެ އިތުރުން އެފަދަ މަގާމެއްގައި ހުރެ އިތުބާރު ގެއްލޭފަދަ އަމަލެއް ހިންގުމާއި ވިޔަފާރީގެ މުއާމަލާތްތަކުގެ މައުލުމާތުތައް އޮޅުވާލާފައިވުމުގެ ދައުވާ ކޮށްފައިވެއެވެ.

ބާސެލޯނާ ސްޓޭޓްގެ ޕަބްލިކް ޕރޮސެކިއުޓަރގެ އޮފީހުން މިދައުވާ ތައް ބޮޑަށް އަމާޒު ކޮށްފައިވަނީ ބާސެލޯނާ ކްލަބަށާއި އެކްލަބްގެ ކުރީގެ ރައީސް ހޯޒޭ މާރިއާ ބާޓޮމެއު އަދި ސަންޑްރޯ ރޮސެލް އަށެވެ. ޕްރޮސެކިއުޓަރގެ އޮފީހުން ކޯޓުގައި ހާމަކުރިގޮތުގައި އެފްސީ ބާސެލޯނާ އާއި ނެގްރެއިރާ އާއި ދެމެދުވަނީ ވަރަށް ސިއްރު އަނގަބަހުގެ އެއްބަސްވުމެއް ވެވިފައިވާކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ނެގްރެއިރާވަނީ އޭނާއަށްދޭ ފައިސާގެ ބަދަލުގައި ޓެކްނިކަލް އާބިޓްރޭޝަން ކޮމެޓީގެ ނާއިބް ރައީސްގެ ހައިސިއްޔަތުން އެކްލަބަށް ފައިދާ ވާގޮތައް ނިންމުންތައް ނިންމުމަށް އެއްބަސްވެފައެވެ.

ލަލީގާގެ ޗީފް އެގްޒެކެޓިވް ހާވިއޭ ޓެބާސް މިދިޔަ މަހު ހާމަކުރިގޮތުގައި މިހާރު ރައީސް ހުއާން ލަޕޯޓްއަށް މިފައިސާގެ ކަންތައްތައް ރަނގަޅަށް ކިޔާ ނުދެވޭނަމަ އޭނާ އިސްތިއުފާ ދޭންޖެހޭނެކަމަށެވެ. ނަމަވެސް ލަޕޯޓާ ވަނީ ޓޭބާސް ބޭނުންވާ ގޮތް ހަދާނުދޭނެ ކަމަށެވެ. އަދި މިފަހަރުގެ ދައުވާ އުފުލާފައިމިވަނީ ބާރސާއިން ރެފްރީން ގަނެފައިނވާނެކަމަށް ލަޕޯޓާ ހާމަކުރިތާ ތިން ދުވަސް ފަހުންނެވެ.