ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ ބުރާސްފަތި ދުވަހުގެރޭ


މި މަހު 16 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ނަންތަކާ އެކު، މި ފަހަރުގެ އެވޯޑްތަކަށް އެކި ކުޅިވަރުތަކުން ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް އިއުލާނު ކުރަން ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން މިދިޔަ އަހަރު އެސޯސިއޭޝަންތަކާ ގުޅިގެން ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގައި އޮންނާނެ އެވެ.

މި އިވެންޓްގައި ބައިވެރިވާނެކަން ޔޫތު މިނިސްޓްރީން މިހާތަނަށް އިއުލާނުކޮށްފައިވަނީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން އެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ޝަހުސިއްޔަތުތަކެއް މި ފަހަރުގެ އެވޯޑް ހަފްލާގައި ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

މި ފަހަރުގެ އެވޯޑަށް މިހާތަނަށް ނޮމިނޭޝަންތައް އިއުލާނުކޮށްފައިވަނީ އަހަރުގެ އެންމެ މޮޅު ބޮޑީބިލްޑިން އެތުލީޓުގެ މަގާމާއި އަހަރުގެ އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާގެ މަގާމާއި އަހަރުގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމާއި އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ކުުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ ނޮމިނޭޝަން އެވެ.