އިޓާލިއަން ލީގުގައި އެޓަލާންޓާ ބަލިކޮށް ލީގު ކާމިޔާބުކުރުމާ ގާތަށް ނާޕޮލީ ޖެހިލައިފިއެވެ.
ނާޕޮލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. މިމެޗްގެ ފުރަތަމަަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
މިމެޗްގައި ނަޕޯލީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދީ އެޓީމަށް ލީޑު ނަގާދިނީ ހިވީޗާ ކްވަރަޓްސްހޭލިއާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ އަމީރު ރަހްމާނީއެވެ.
މިއީ މިސީޒަންގައި ނަޕޯލީއިން ކާމިޔާބުކުރި 22 ވަނަ ލީގު މެޗެވެ. އަދި މިއީ މިދިޔަ ހަފްތާގައި ލާޒިއޯ އަތުން ބަލިވި ބަލިވުމަށްފަހު އަނެއްކާވެސް ލީގު ކާމިޔާބު ކުރުމާ ދިމާލަށް އެޅުނު އިތުރު ފިޔަވަޅެކެވެ.
މިކާމިޔާބީއާއެކު ނަޕޯލީއަށް މިހާރުވަނީ ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި މިހާރު އިޓާލިއަން ލީގުގައި ބާކީ އޮތީ 12 މެޗެވެ. އަދި ނަޕޯލީއަށް މިހާރުވަނީ 26 މެޗުން 68 ޕޮއިންޓް ލިބިގެން ގޮސްފައެވެ. މިއީ އެޓަލާންޓާ އެޓީމް އެންމެ ފަހުން ކުޅުނު 6 މެޗްގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. އަދި މިވަގުތު އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.