ކުޅިވަރު

އެމްބާޕޭގެ ލަނޑާއެކު ޕީއެސްޖީއަށް ފަހު ވަގުތު މޮޅެއް


ފްރެންޗް ލީގުގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ބްރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް ޕީއެސްޖީން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ކާލޯސް ސޮލަރއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަ މިނެޓްފަހުން ބްރެސްޓް އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮނޮރަޓްއެެވެ.

މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މިމެޗުން ޕީއެސްޖީ މޮޅު ކޮށްދިން ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ކިލިއަން އެމްބާޕޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ޕީއެސްޖީއަށް ލިބި ބޭކާރުވެގެންދިޔައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ބަޔޭން މިޔުނިކް އަތުން ވަލިވެ އެމުބާރާތުން ކެޓި ފަހުން ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗް ކަމުން މިމެޗުން މޮޅުވާން އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޭނުންވެފައެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅޭ އޮލިމްޕިކް މާސޭ އާއި ދެމެދު 11 ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އަދި ބްރެސްޓް އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.