މިދިޔަ އަހަރު ކުޅިވަރާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވަން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް އެސޯސިއޭޝަންތަކުން ކުރީބައިގައި ތައްޔާރުވާކަން ފާހަގަކުރެވުނު ކަމަށް އެވޯޑްސްގެ ޖަޖް ކޮމިޓީގެ ޗެއާމަން އަބްދުލް ނާފިއު ތައުފީގް ވިދާޅުވެއްޖެއެވެ.
ހ. ބޯޅަ ގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާފިއު ވިދާޅުވީ މިދިޔަ އަހަރު އެވޯޑްސް ދިންއިރު، ދިމާވި އެންމެ ބޮޑު މައްސަލައަކީ އެކަށޭނެ ވަރަށް ކުޅުންތެރިންގެ ޑާޓާތައް ނެތުން ކަމަށާއި، އެކަމަކު މިއަަހަރު އެކަން އެސޯސިއޭޝަންތަކުން އިސްލާހުކޮށް މި އެވޯޑްސްއަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
ނާފިއު ވިދާޅުވީ، އެސޯސިއޭޝަންތަކޭ އެއްފަދައިން ކުޅުންތެރިންވެސް މި އެވޯޑް ބަލައިގެންފައިވާ ކަަމަށާއި، ކުޅުންތެރިން މި އެވޯޑް ހޯދަން އެ ކުޅުންތެރިންގެ ޕާފޯމެންސް ރަނގަޅުކުރަން މަސައްކަތް ކުރާކަން ފާހަގަވި ކަމަށެވެ.
ނާފިއު ވިދާޅުވީ އެވޯޑަށް ޕޮއިންޓް ދިނުމުގައި ގައުމަށް ރީތި ނަން ހޯދައިދީފައިވާނަމަ ލިބޭ ޕޮއިންޓްސް ގިނަވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާނެ ކަމަށްވެސް ނާފިއު ވިދާޅުވިއެވެ.
މިދިޔަ އަހަރު ދިން ބައެއް އެވޯޑްތަކަށް ފާޑުކިޔުން އަމާޒުވިކަން ފާހަގަކުރައްވާ ނާފިއު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން މަސައްކަތްކުރައްވާ ކަމަށެވެ. ނާފިއު ވިދާޅުވީ، ނޮމިނީސް މިހާރު އިއުލާންކުރަމުން އައި ނަމަވެސް އެވޯޑް ލިބޭ ފަރާތްތައް އަދި ނުނިންމާ ކަމަށެވެ.
މިދިޔަ އަހަރު އެސޯސިއޭޝަންތަކާ ގުޅިގެން ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަފްލާގައި ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ނަންތަކާ އެކު، މި ފަހަރުގެ އެވޯޑްތަކަށް އެކި ކުޅިވަރުތަކުން ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް މިހާރު އަންނަނީ އިއުލާން ކުރަމުންނެވެ.