ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ބޭނުންކުރާ މުހިންމު މައުދަންތަކާބެހޭ މަޝްވަރާތަކެއް


ވިޔަފާރީގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ބޭނުންކުރާ މުހިންމު މައުދަންތަކާއި ބެހޭ ގޮތުން އެމެރިކާއާއި ޔޫރަޕް އިއްތިހާދް، އީޔޫއާ ދެމެދު މަޝްވަރާތައް ފަށަން ދެ ފަރާތުން އެއްބަސްވެއްޖެއެވެ.

ދެ ފަރާތުން މިކަމަށް އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔޫރަޕް އިއްތިހާދުގެ ރައީސް އުރުސަލާ ވޮން ޑަރ ލޭން އާއިއެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ އެމެރިކާގެ އިންފްލޭޝަން ދަށްކުރުމުގެ ގާނޫނު، އައިއާރުއޭ އާއި އެހެނިހެން ގާނޫނުތަކުގައި ހަކަތައަށް ސަބްސިޑީ ދިނުމުން ޔޫރަޕުން އިންވެސްޓްމަންޓްތައް ދުރަށްޖެހި، އިގްތިސާދަށް ގެއްލުންވާނެކަމަށް ބުނެ ޔޫރަޕުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައަކީވެސް މި ބައްދަލުވުމުގައި އެޖެންޑާކޮށްފައިވާ މުހިންމު އައިޓަމެކެވެ.

ބައްދަލުވުން ފަށްޓަވަމުން ބައިޑަން އާއި އުރުސަލާވެސް ވަނީ ދެ ފަރާތުގެ ގުޅުން ވަރުގަދަކަމާއި، ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ޔުކްރެއިންއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ރަޝިއާ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދެ ފަރާތުންވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ބައްދަލުވުމަށް ފަހު ދެ ލީޑަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އީޔޫގައި ނަގާ ނުވަތަ ޕްރޮސެސްކުރާ މައުދަންތައް އައިއާރްއޭފެ ގާނޫނުގެ ދަށުން ވެހިކަލް ޓެކްސް ކްރެޑިޓްތަކަށް ގުނާނެކަން ޔަގީންކުރުމުގެ ގޮތުން "ޓާގެޓްޑް ކްރިޓިކަލް މިނަރަލްސް އެގްރީމަންޓެއްގެ މަޝްވަރާތައް ވަގުތުން ފެށުމަށް" ގަސްތުކުރާ ކަމަށެވެ.

އެމެރިކާގައި އުފައްދާ އުފެއްދުންތަކަށް ބޮޑު ސަބްސިޑީއެއް ދޭ އަދި މޫސުމީ ދަތިކަން ހައްލުކުރުމާއި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އަމާޒު ހިފާފައިވާ 430 ބިލިއަން އެމެރިކާ ޑޮލަރުގެ އައިއާރްއޭ ގާނޫނުގެ ސަބަބުން ޔޫރަޕް އޮތީ ވަރަށް ހިތްހަމަނުޖެހިފައެވެ. އީޔޫގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެކުވެރި ގައުމުތައް ގުޅިގެން ޗައިނާގެ ފަރާތުން އަންނަ ބޮޑެތި ނުރައްކާތަކާއި ދެކޮޅަށް ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

ގާނޫނުގެ މައިގަނޑު އުސޫލުތަކުގައި ހިފަހައްޓައިގެން ޔޫރަޕްގެ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން ތަސްދީގު ކުރި އައިއާރްއޭގެ ގާނޫނަށް ރައްދު ދިނުމުގެ ގޮތުން ޔޫރަޕިއަން ކޮމިޝަނުން މިދިޔަމަހު ވަނީ ގްރީން ޑީލް އިންޑަސްޓްރިއަލް ޕްލޭނެއް ހުށަހަޅާފައެވެ.

ކޯޕަރޭޓް ލޮބީ ގްރޫޕެއް ކަމަށްވާ ނޭޝަނަލް ފޮރިން ޓްރޭޑް ކައުންސިލްގެ ރައީސް ޖޭކް ކޮލްވިން ވަނީ ސިނާއަތުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ވައިޓް ހައުސްއަށް އިލްތިމާސް ކުރައްވާފައެވެ.

"ވައިޓް ހައުސްއިން އިސްނަގައިގެން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހިންގާ އެމެރިކާގެ ވިޔަފާރިތަކަށް ޔޫރަޕްގެ ވާދަވެރިންނާއި އެއް ގަވާއިދުތަކެއް ތަންފީޒު ކުރަން ޖެހޭ ގޮތަށް ބާރުއަޅަން ޖެހޭ" އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން މިދިޔަ ޑިސެމްބަރުމަހު ވައިޓް ހައުސްއަށް ކުރެއްވި ދަތުރުފުޅުގައި ބައިޑަން ވިދާޅުވީ އެމެރިކާގެ އިއާދަކުރަނިވި ހަކަތައާއި ސެމީކޮންޑަކްޓަރ އިންޑަސްޓްރީ ކުރިއެރުވުމަށް އަމާޒުކޮށްފައިވާ ބިލްތަކުގައި ހުރީ ވާހަކަދައްކައިގެން ހައްލު ކުރެވޭނެ މައްސަލަތަކެއް ކަމަށެވެ.