ރަމަޟާން މަހުގެ ފުރަތަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކަނޑައެޅިފައިވާ ވަގުތުގެ ބޭރުން މުދާ އުފުލާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފައެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަކީ މަނާކަމެކެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ދުވާލުގެ ވަގުތުތަކުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް މުދާ އުފުލުމަށް ވަނީ ހުއްދަ ދީފައެވެ. އަދި އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ހުރިހާ ބާވަތެއްގެ ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރަށް ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންކަމަށާއި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެކަމަށެވެ.
މި ވަގުތުތަކާ ޚިލާފަށް އެހެނިހެން ވަގުތުތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.