ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބާއްވާ ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު ހަވީރު ޖައްސައިފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓަކީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
ޓެސްޓް ފްލައިޓްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުހައްމަދު އަސްލަމްވަނީ އެރަށަށަށް ވަޑައިގެންފައެވެ. މިނިސްޓަރުގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފަރ އާއި ރީޖަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީވެސްވަނީ އެރަށަށް ވަޑައިގެންފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. މިއެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ.
އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަށްޓަކައި އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، އަދި ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލެވެ. ޓަމިނަލްގެ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި. މިއަދު 17:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482. މިއީ، ޑޭޝް 8 - 300 މަރުކާގެ ބޯޓެއް. pic.twitter.com/RQ5hrwQ1FW
— Min.of National Planning, Housing & Infrastructure (@MoNPHImv) March 13, 2023
ފަރެސްމާތޮޑާ އެއަރޕޯޓަކީ މިސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މިއެރއަޕޯޓަކީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ. އެއަރޕޯޓް ފަރެސްމާތޮޑާއާއި ގުޅުވާލާނީ ކޯސްވޭއަކުންނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދަނީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔަ އެމްޓީސީސީންނެވެ. އެއަރޕޯޓް ހުޅުވާއިރު ކޯޒްވޭގެ މަސައްކަތް ނުނިމުނު ނަމަވެސް، ވަގުތީގޮތުން ރަށުން އެއަރޕޯޓަށް ދަތުރުކުރެވޭނެ މަގެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.
އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއްވެސް ހަދާފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.