ޚަބަރު

ރަމަޟާން މަހާ ގުޅުވައިގެން އެމްއެންޑީއެފްއިން އަލިފާނުން ރައްކާތެރިވުމުގެ ހަރަކާތްތަކެއް


އެމްއެންޑީއެފްއިން އާރޓިފިޝަލް ބީޗް ގައި ކުރިއަށް ގެންދިޔަ ޙަރަކާތުގެ ތެރެއިން/ ފޮޓޯ:އެމްއެންޑީއެފް

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ފަޔަރ ޕްރިވެންޝަން ވީކްގެ މިއަހަރުގެ ހަރަކާތްތައް ފަށައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ޢާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުކަން ދޭންވީ ކަންތައްތައް ދަސްކޮށްދޭނެއެވެ. އެގޮތުން ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، ބަދިގޭގައި ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ ޙަރަކާތުގެ ތެރެއިން/ ފޮޓޯ:އެމްއެންޑީއެފް

މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގުމުން ޢަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައްވެސް ދަސްކޮށްދޭނެއެވެ.

އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ފަޔަރ ޕްރިވެންޝަން ވީކްގެ ހަރަކާތްތައް ހޯމަ ދުވަހު އާރޓިފިޝަލް ބީޗް ގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި މިޙަރަކާތުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހދ.ކުޅުދުފުށީގައެވެ. މީގެ އިތުރުން ށ.ކަނޑިތީމާއި ޅ.ނައިފަރުގައިވެސް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފްގެ ސިފައިންނެވެ.

މި ޕްރޮގްރާމަށް ރަށްރަށުގެ ކައުންސިލުންނާއި އާންމުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.